ދުނިޔެ

ލަންކާގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑްކޮށްފި

މަރިޔަމް ޝަހުދާ

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑުކޮށްފިއެވެ.

މި ނިންމުމަކީ އެގައުމުގެ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ލަންކާގެ ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ގޯޓާބަޔާ ރާޖަޕަކްސާގެ ނިންމެވުމެކެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑުކޮށްފައިވަނީ އެއް މަހުގެ މުއްދަތަކަށެވެ. އެއީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހާ ހަމައަށެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުރަކީ ފަސް އަހަރެވެ. މިހާރުގެ މަޖިލީހުގެ ދައުރު އަންނަ އަހަރު އޮގަސްޓް މަހަށް ހަމަވާ އިރު، ލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ އެ މުއްދަތުގެ ފަސް މަސް ކުރިން ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށް މިހާރު ދަނީ މަސައްކަތްކުރައްވަމުންނެވެ.

އެގައުމުގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާގެ ވެރިކަން މިހާރު ކުރަމުން އަންނަނީ ވަގުތީ ކެބިނެޓަކާއެކުއެވެ. މިހާރުގެ ހިނގަމުންދާ ދައުރަށް ކެބިނެޓެއް އައްޔަން ކުރެވޭނީ އަންނަ މާޗުގައި މިހާރު ލަންކާގައި އޮތް ގާނޫނު ހަދާ މަޖިލިސް އުވާލައިގެންނެވެ.