ނަރެންދްރާ މޯދީ

އިންޑިއާއިން ދެކެން ބޭނުންވަނީ ޑިމޮކްރެޓިކް، ސުލްހަވެރި ރާއްޖެއެއް: މޯދީ

1

ޑިމޮކްރެޓިކް، ސުލްހަވެރި ރާއްޖެއެއް ދެކެން އިންޑިއާއިން ބޭނުންވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ކުރިމަގުގައި ވެސް އިބޫއަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.

މޯދީ ވިދާޅުވީ ރާއްޖޭގައި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރަސީއާއި ގާނޫނު އަދި ކުރިމަގު އުޖާލާކުރުމަށްޓަކައި ވަރަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވަމުންދާ ބޭފުޅުންތަކެއް ފެނިގެންދިޔަ ކަމަށެވެ.

އެކިއެކި ދާއިރާތަކުގެ ތަރައްގީއަށް އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި ހާއްސަކޮށް އިންފްރާސްޓްރަކްޗަރއާއި ސިއްހީ ދާއިރާ އަދި ހިއުމަން ރިސޯސް ދާއިރާގެ ތަރައްގީއަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

މޯދީގެ އިތުރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިނަލްއަގުވާމީ ބޮޑު ޑެލިގޭޝަނެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. "ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ ޑެލިގޭޝަންގައި އެންމެ މަދުވެގެން 250 ބޭފުޅުން ހިމެނޭނެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކާ ބަންޑާރަނައިކޭ ކުމާރަތުންގާ އާއި ޝީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކެބިނެޓް އެފެއާޒް މުހައްމަދު އަފީފް ވަނީ ރާއްޖެ ވަޑައިގެންފައެވެ. މުހައްމަދު އަފީފަކީ ސުވަދީބުގެ ކުރީގެ ރައީސް އަބްދުﷲ އަފީފް ދީދީގެ ދަރިކަލެކެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 5:00ގައި ގަލޮޅު ދަނޑުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟