ކުއްލި ޚަބަރު

ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ޝަމީމު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް އައްޔަން ކުރުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ޕީޖީކަމުގެ މަގާމު ހުސްވީ، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އަދި އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތު މިއަދު ވަނީ ހަމަވެފައެވެ.

އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ޝަމީމުގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން މި އަހަރުގެ ތެރޭގައި އިސްތިއުފާ ދެއްވި މަރިޔަމް ނިހާޔަތާއި ވަކީލު އަހުމަދު ޒަނީނެވެ.

ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި އާންމުކޮށް އިއުލާންކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިންހ. ހިޔާކަން ހުސެއިން ޝަމީމު އެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

އަމިއްލަ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި މިހާރު ވެސް ވަކާލާތު ކުރައްވާ ޝަމީމަކީ ޕީޖީގެ މަގާމަަށް ގެންނަން މީގެ ކުރިން ވެސް ގިނަ ބަޔަކު ތާއީދުކުރި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހަށް ޝަމީމުގެ ނަން ރައީސް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެނަންތައް މަޖިލީހަށް އިއްވުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ނުވަތަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާނެއެވެ.

ޕީޖީ ކަމަށް ޝަމީމު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދޭނީ ކޮމިޓީން އޭނާގެ ނަން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވޯޓަށް އަހައިގެންނެވެ.