ކުއްލި ޚަބަރު

ހައިލަމް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމައިފި

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފުވެ، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ސުލޫކީ ސިފަތައް ނެތިގެންދާފަދަ އަމަލުތަކެއް ގާޒީ ހައިލަމް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ގާޒީ ހައިލަމްގެ މައްޗައް ސާބިތުވެފައިވާ ކަންތައްތަކަކީ ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަަމަލުތަކެއް ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭތީ، ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވި ހައިލަމް، ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މިއަދު ނިންމިއިރު، އޭނާ މިހާރު ވެސް ހުންނެވީ ސަސްޕެންޑުކޮށްފައެވެ.

އެއީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހާފައިވާ ފޮޓޯއެއް ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުވި މައްސަލައާ ގުޅިގެން ޖޭއެސްސީން ބަލަންފެށި ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި، އޭނާ ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސަސްޕެންޑު ކޮށްފައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗައް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމްކުރުން ތާވަލްކޮށްފައި އޮތް ދުވަހެވެ.

ނަމަވެސް އެ ފޮޓޯ ވައިބަރު ގުރޫޕަށް ލެއްވިއިރު އެފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިވަޑައިގެންފައިނުވާ ކަމަށް އެ މައްސަލައާ ގުޅިގެން ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.