ކުއްލި ޚަބަރު

އިދިކޮޅު މުޒާހަރާގެ ތެރެއިން މެންބަރު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލެގައި މިރޭ ކުރި މުޒާހަރާގެ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން މިރޭ ފުރަތަމަ އެއްވެފައިވަނީ ޗާންދަނީ މަގާއި މަޖީދީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ.

އެތަނަށް ފުލުހުންގެ އެސްއޯ ފުލުހުން އައުމުން މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގުން އިރަށް ރަސްފަންނާ ދިމާލަށް ހިނގައިގެންފައެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން ގޮސް ޖުމްހޫރީ ޕާޓީގެ މައި ޖަަގަހަ ހުންނަ، މ. ކުނޫޒު ކައިރީގައި ވެސް ތިބެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލިއެވެ.

ނަމަވެސް އެތަނަށް އަނެއްކާވެސް އެސްއޯގެ ފުލުހުން އައުމުން މުޒާހަރާގެ ބައިވެރިން ދެން ހިނގައިގަތީ ޗާންދަނީމަގު ޖަންކަޝަން ހުރަސްކޮށް ހުޅަނގަށެވެ. އެހިސާބުން އެސްއޯގެ ގިނަ އަދަދެއްގެ ފުލުހުން މުޒާހަރާގެ ބައިވެރިން ހުއްޓުވަން އުޅުމުން މުޒާހަރާގެ ބައިވެރިން ބައިބައިވެގެންދިޔައެވެ.

މިރޭގެ މުޒާހަރާގައި މެންބަރު ޝިޔާމްގެ އިތުރުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އެ ތިން ބޭފުޅުންގެ އިތުރުން ޕީޕީއެމްގެ ދެ ކައުންސިލް މެންބަރުން ކަމަށްވާ ލަތީފާއި އިބްރާހިމް ފައިސަލް ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މާލޭގެ މަގުތަކަށް ނުކުމެ އިދިކޮޅު ސަޕޯޓަރުން މިރޭ މުޒާހަރާ ކުރިއިރު، އިދިކޮޅުން ރޭ އެއްވެފައިވަނީ މާލޭ ޖަލު ކުރިމައްޗަށެވެ. އޭރު ކުރީގެ ރައީސް ޔާމީން ބަންދުގައި ހުންނެވީ މާލޭ ޖަލުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ހުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.