ގދ. މަޑަވެލިން މަސް ހިފަން ދިޔަ އުމުރުން ދުވަސްވީ މީހަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ މަޑަވެލީ/ ގަމަރީ، މުހައްމަދު ސައީދު، 72 އެވެ.
ފުލުހުން ބުނީ، އޭނާ މީހާ މަސް ހިފާ ދަލެއް ހިފައިގެން ރަށުގެ ފަރު މައްޗަށް ދިޔައީ މިއަދު މެންދުރު 1:00 ގައި ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.
މަޑަވެލި ކައުންސިލުގެ ނައިބު ރައީސް އަޒަމް މުހައްމަދު "ވަން" އަށް ވިދާޅުވީ، އޭނާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓެއް އާއިލާއިން ކައުންސިލަށް ހުށަހެޅީ މިރޭ 8:30 އެހާކަންހާއިރު ކަމަށެވެ. އަދި އެހިސާ ހިސާބުން ފުލުހުންނާއި އެމްއެންޑީއެފަށް އެކަން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.
އަޒަމް ވިދާޅުވި ގޮތުގައި، މުހައްމަދު ސައީދު ނަމަކަށް ކިޔާ އެ މީހާ އަކީ އާންމު ގޮތެއްގައި އެރަށު ފަރުމައްޗަށް މަސް ހިފަން ގޮސް އުޅޭ މީހެކެވެ. ނަމަވެސް އޭނާއަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.