ސިޔާސީ

ޜެކޯޑު އަދަދަކާއެކު އެމްޑީޕީ މެންބަރުންގެ އަދަދު ބައި ލައްކައިން މައްޗަށް

މަރިޔަމް ޝަހުދާ

4

ޜެކޯޑު އަދަދަކާއެކު އެމްޑީޕީ މެންބަރުންގެ އަދަދު ބައި ލައްކައިން މައްޗަށް އަރައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމު ކުރި ސިޔާސީ ޕާޓީތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްޑީޕީގައި 53،694 މެންބަރުން އެބަ ތިއްބެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކުރަމް ''ވަން އޮންލައިން'' އަށް ކަށަވަރުކޮށްދިން ގޮތުގައި މިއީ މިހާތަނަށް ޕާޓީއެއްގައި އެންމެ ގިނަ މެންބަރުން ތިބި އަދަދެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ފަހު ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެއީ 36،831 މެންބަރުންނެވެ. ތިން ވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއެވެ. އެއީ 10،726 މެންބަރުނެވެ. އެއަށްފަހު 8،805 މެމްބަރުންނާއެކު ދެން އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީއޭ އެވެ.

އެމްޑީއޭއަށް ފަހު އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ އަދާލަތު ޕާޓީއެވެ. އެއީ 6554 މެންބަރުންނެވެ. އެއަށްފަހު ޕީޕަލްސް ނެޝަނަލް ކޮންގްރެސް ގައި 4367، އެމްޓީޑީގައި 3498 މެންބަރުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި 3004 މެންބަރުން އަދި ޑީއާރުޕީގައި 2985 މެންބަރުން އެބަތިބި ކަމަށް އިލެކްޝަނުން ބުނެ އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ 10 ޕާޓީއެއް އޮތް ކަމަށް އިލެކްޝަނުން އާންމު ކުރި މައުލޫމާތުން ދައްކައެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދާލަތު ޕާޓީ، ޑީއާރުޕީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް އަދި މިއަދު ރަޖިސްޓަރީ ކުރި އެމްއާރުއެމް އެވެ.

މީގެ އިތުރުން މުޅިން އަލަށް އިތުރު ދެ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ވަނީ ދެ ޕާޓީއަކަށް ދީފަ އެވެ. އެއީ ސަންރައިސް ޕާޓީ އާއި ދިވެހި އެންމެންގެ ޕާޓީއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟