ޕާސަނަލް ރޭޑިއޭޝަން މޮނިޓަރިން ބެޖް އަދި ރޭޑިއޭޝަން ޕްރޮޓެކްޝަން ޕްރޮގްރާމްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއްް އައިޖީއެމްއެޗުން ފަށައިފި އެވެ.
މި ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ މިއަދު ހެނދުނު މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި ޕާސަނަލް ރޭޑިއޭޝަން މޮނިޓަރިންގް ބެޖްގެ ސަބަބުން ރޭޑިއޭޝަން އާއި ގުޅުން ހުރި މަސައްކަތްތައް ކުރާ މުވައްޒަފުން ރޭޑިއޭޝަނަށް ހުށަހެޅޭ މިންވަރު ދެނެގަތުމަށް އެހީތެރިވެދޭނެއެވެ. އެކަމާ ގުޅިގެން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅު އެޅުމަށްވެސް އެހީތެރިވެދޭނެ އެވެ. އަދި މި ހިދުމަތުގެ ސަބަބުން ހޮސްޕިޓަލުގައި ރޭޑިއޭޝަނާ ގުޅުން ހުރި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކާތެރިކަމާމެދު އިތުރު ޔަގީންކަމެއް ލިބިގެން ދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހޮސްޕިޓަލުގެ މުވައްޒަފުންގެ ރައްކާތެރިކަމަކީ މެނޭޖްމަންޓުން ވަރަށް މުހިއްމު ކަމެއް ދޭ ކަމެއް ކަމަށެވެ. މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ނޫނީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށް ނުދެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ''ނެޝަނަލް އެކްރެޑިޓޭޝަން ބޯޑު ފޮ ހޮސްޕިޓަލް އެންޑް ހެލްތު ކެއާ ޕްރޮވައިޑާސް'' ގެ މިންގަނޑަށް ފެތޭ ގޮތަށް އައިޖީއެމްއެޗްގެ ހިދުމަތްތައް ރަނގަޅު ކުރަމުން އަންނަ ކަމަށް ސަލީމް ވިދާޅުވިއެވެ.