ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު ޖުމުލަ 80 އިސްލާހާއެކު ލާމަރުކަޒީ ބިލު މިއަދު ކޮމިޓީން ފާސް ކޮށްފައިވާ ކަމަށެވެ. އެ އިސްލާހުތައް ހުށަހެޅީ އެމްޑީޕީ، އެލްޖީއޭ، އެޗްއާރުސީއެމް، އޮޑިޓާޖެނެރަލް، އީޕީއޭ، ޓްރާންސް ޕޭރެންސީ، ހޯޕްފޯ ވިމެންގެ ފަރާތުން ކަންވެސް އަލީ ނިޔާޒު ވިދާޅުވެފައިވެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބޮޑެތި އިސްްލާހުތަކެއް ގެނައުމަށް އެ ބިލުގައި ސަރުކާރުން ވަނީ ހުށަހަޅައިފައެވެ.
އެބިލަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތައް:
- ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައެޅުން.
- ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލްތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުން.
- ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ %5 (ފަހެއް އިންސައްތަ) އަށްވާ އަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމާއި، ކައުންސިލްތަކުގެ އިޚްތިޞާޞްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ %40 (ސާޅީސް އިންސައްތަ) އަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާ ގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުން.
- ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު 5 މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުން.
- ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުން.
- ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ %33 (ތިރީސް ތިނެއް އިންސައްތަ) ހާއްސަކުރެވޭނީ އަންހެނުންނަށް ކަމުގައި ކަނޑައެޅުން. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ކަނޑައަޅައި، އެ ކޮމިޓީތަކަށް ވަކި ބަޖެޓެއް ދޭގޮތަށް ހަމަޖެއްސުމަށާއި އޮފީސް ހިންގާނެ ތަން ހަމަޖައްސައިދިނުން ފަދަ އިންތިޒާމުތައް، ކައުންސިލުތަކުން ފޯރުކޮށްދޭންވާނެ ކަމަށް ކަނޑައެޅުން.
- ރަށު ކައުންސިލުތަކެކޭ އެއްފަދައިން ސިޓީތަކުގައިވެސް އާބާދީއަށް ނިސްބަތްކޮށް މެންބަރުން އިންތިހާބުކުރެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރާ ގޮތް ބަދަލުކުރުން.
- ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފަދަ އާންމު ހިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމާގުޅޭ އުސޫލުތަކާއި، ތިންވަނަ ފަރާތެއް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދޭނަމަ، އެ ކަމާބެހޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ކަނޑައެޅުމާއި، އެފަދަ ތިންވަނަ ފަރާތަކުން ހިދުމަތް ފޯރުކޮށްދޭ ހާލަތުގައިވެސް، އެ ހިދުމަތަކާ ގުޅޭގޮތުން އާންމުންނަށް ދިމާވާ އެކިއެކި މައްސަލަތަކާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ ގޮތަށް ހަމަޖެއްސުން.
- ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގައި ކައުންސިލަރުން ތަމްސީލުވާނެ ގޮތަށް ހަމަޖައްސައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
- ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުންނާއި، ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ވީ ވަރަކުން ކައުންސިލުތަކުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ކަނޑައެޅުން.
- ކައުންސިލުގެ ޒިންމާދާރު ވެރިޔާ އައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުން.