މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް، 100 އިންސައްތަ ވޯޓާއެކު މުހައްމަދު ޔާމީން އިބްރާހީމް އިންތިހާބުވެއްޖެއެވެ.
އަމިއްލަ މެމްބަރަކު ހޮވުމަށް ހޯމް މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި އެމްއެމްސީގެ އިންތިހާބުގައި ޔާމީންއާ ވާދަކުރެއްވީ އަހްމަދު ނަޝީދު ހުސައިނެވެ.
އެ އިންތިހާބުގައި ވޯޓުލުމަށް 25 މީޑިއާ ރަޖިސްޓަރީ ކުރި ނަމަވެސް، ވޯޓުގައި ބައިވެރިވީ 24 މީޑިއާއެވެ. އެ 24 މީޑިއާގެ ވޯޓު ލިބިފައިވަނީ ޔާމީނަށެވެ. ނަޝީދަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެއެވެ.
ޔާމީނަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީ އޮނާސް އަދ ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލުކޮށްފައިވާ ބޭފުޅެކެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ގާނޫނީ ދާއިރާގައި މަސައްކަތްކޮށް އޭނާ ވަނީ 12 އަހަރުގެ ތަޖުރިބާ ހޯއްދަވައިފައެވެ. މީގެ އިތުރުން ގާނޫނީ ދާއިރާއިން މީހުން ބިނާކުރުމުގައި ވެސް ޔާމީން ފާހަގަކޮށްލެވެއެވެ.
އެމްއެމްސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވެފައިވަނީ އަމިއްލަ މެމްބަރެއްގެ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންތިހާބުވި ޝީރީން ނާހިދާ ލަތީފް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޝީރީން އިސްތިއުފާދެއްވާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
އެމްއެމްސީގައި ހިމެނެނީ 15 މެމްބަރުންނެވެ. އޭގެ ތެރެއިން އަށް މެމްބަރުންނަކީ މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނެވެ. އަދި އަނެއް ހަތް މެމްބަރުންނަކީ އާންމުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރުންނެވެ.