ގައިގައި ވަޅި އަޅައި ޒަހަމްކޮށްލުމަށް ފަހު ކަނޑަށް އެއްލާލި ދިވެއްސަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ލަނޑާ ނަގަން އުޅުނު ދޯންޏެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި ކަމަށެވެ.
"އޭނާ ޒަހަމްވެފައި ވަނީ ލަނޑާ ނަގަން އުޅުނު ދޯންޏެއްގައި ހިންގި މާރާމާރީއެއްގައި ކަމަށް، އަދި އޭނާގެ ގައިގައި ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލާފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ." ފުލުހުންގެ މީޑިއާއިން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ވަރަށް ބޮޑަށް ޒަހަމްވެފައިވާ އެ މީހާއަށް އއ. މާޅޮސް ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދާކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 3:06 އެހާއިރު ކަމަށެވެ. އަދި އެމީހާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށާއި ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެ މީހާ މާޅޮހަށް އެރީ ފަތާފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 2:00 އެހާއިރު ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދެއެވެ.