ކުއްލި ޚަބަރު

މާލީ ބަޔާން ހުށަނާޅާ ފަނޑިޔާރުންނާމެދު ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފި

ފަނޑިޔާރުން ކޮންމެ އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ އެ ފަނޑިޔާރެއްގެ މާލީ ބަޔާން، ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅުއްވާނަމަ، އެ ފަނޑިޔާރަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބާޔާނެއްގައި ބުނީ ރާއްޖޭގެ ފަނޑިޔާރުން ކޮންމެ އަހަރަކު އެއް ފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ އަރަންޏާއި ދަރަނި ހާމަކޮށް މިކޮމިޝަނަށް ހުށައަޅަންޖެހޭ ކަމަށެވެ. އަދި މާލީ ބަޔާން ހުށައެޅުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި މާލީބަޔާން ހުށައަޅާ އުސޫލު މުރާޖައާކޮށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކޮމިޝަނަށް ހުށަހަޅާ މާލީބަޔާންތައް އޮޑިޓް ކުރުމަށް އިއްޔެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން މިހާތަނަށް މާލީބަޔާން ހުށައަޅުއްވާފައިނުވާ ފަނޑިޔާރުން މާލީބަޔާން ހުށަހެޅުމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި މާލީބަޔާން ހުށަނާޅުއްވާނަމަ، އެ ފަނޑިޔާރަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.