ކުއްލި ޚަބަރު

ފަނޑިޔާރު އަރީފު ރިޓަޔާ ކުރައްވައިފި، ސުޕްރީމު ކޯޓު ހިންގުން ފަނޑިޔާރު އަޒްމިރަލްދާއަށް

ސުޕްރީމް ކޯޓުގެ ހިންގެވުމާ ހަވާލުވެގެން މިހާރު ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުން، އެކޯޓުގެ ހިންގުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމި ކަންތައް ހާމަކޮށް އެ ކޮމިޝަނުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، ފަނޑިޔާރު އަރީފު ރިޓަޔާ ކުރައްވަން މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަަމަށެވެ. އެ ނިންމުން ނިންމީ، ސިއްހީ ހާލަތު ހުރި ގޮތުން ރިޓަޔާ ކޮށްދިނުމަށް އޭނާ އަމިއްލަފުޅަށް އެދިވަޑައިގަތުމުން ކަމަށް ވެސް ބުނެފައިވެއެވެ.

ފަނޑިޔާރު އަރީފު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޮގަސްޓް 10، 2010 ގައެވެ. އަދި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ ގޮތުގައި އަރީފު ޖޭއެސްސީއަށް އައްޔަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޖުލައި، 2017 ގައެވެ.

ނަމަވެސް މިދިޔަ ހަފްތާގެ ބުދަ ދުވަހު އަރީފު ވަނީ ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ސިއްހީ ހާލަތު ތަން ނުދިނުމާއި މަސައްކަތް ބުރަވުމާއި އެ ނޫން ވެސް އަމިއްލަފުޅު ބައެއް ސަބަބުތަކެއް ހުރުމުން ކަމަށެވެ.

އޭގެ ފަހުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖޭއެސްސީން ނިންމުމުން، ސުޕްރީމް ކޯޓު ހިންގުން ހަވާލުކުރެއްވީ އަރީފާއެވެ. އަދި މިއަދު ރިޓަޔާ ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އެމަގާމުގައެވެ. އަރީފު މިއަދު ރިޓަޔާ ކުރެއްވިއިރު، ޖޭއެސްސީން ވަނީ އަރީފްގެ މައްޗަށް ތުހުމަތުވާ 14 މައްސަލައެއް ބަލަމުންދާ ކަމަށް ބުނެފައެވެ.

ޖޭއެސްސީން ބުނީ، އަރީފު ރިޓަޔާ ކުރެއްވުމުން އެކޯޓުގެ ހިންގުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާ ހަވާލުކުރަން މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ޑރ. އަޒްމިރަލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމަށް ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު އުފެދުނު ދެ މަގާމުން އެ މަގާމަށެވެ.