އިބްރާހިމް ޒަކީ
އަތޮޅު ތަކުގައި އަލުން އަތޮޅުވެރިން ބޭއިތިއްބުމާ މެދު ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލިސް ކޮމިޓީގައި މިއަދު ބަހުސް ކޮށްފިއެވެ.
ކައުންސިލްތަކުގެ އުމުރު މިހާރު އޮތް ތިން އަހަރުން ފަސް އަހަރަށް ދިގުކޮށް، ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ރައްޔިތުންގެ ސީދާ ވޯޓުން ހޮވަން ޖެހޭ ގޮތަށް، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި، ބައެއް މެންބަރުން ވިދާޅުވީ އެ އަތޮޅުގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ހިމެނޭ ގޮތަށް އަތޮޅު ކައުންސިލް އެކުލެވިފައި އޮތް ނަމަވެސް މުޅި އަތޮޅުގެ ރައްޔިތުންގެ މެދުގައި ބާއްވާ އިންތިހާބަކުން ހޮވާ އަތޮޅުވެރިޔެއް އަތޮޅު ކައުންސިލްގައި ހުންނަން ޖެހޭނެ ކަމަށެވެ.
ކޮމިޓީގައި މެންބަރުން ބޮޑަށް މަޝްވަރާ ކުރެއްވީ މުޅި އަތޮޅުން އަތޮޅު ކައުންސިލަށް ހޮވާ ބޭފުޅެއްގެ މަގާމަށް ދޭނެ ނަމަކާ ގުޅޭ ގޮތުންނެވެ. އެ މައްސަލައިގައި ބައެެއް މެންބަރުން އަތޮޅުވެރިޔާގެ މަގާމު ކިޔުމަން ވާހަކަ ދެެއްކެވިއިރު، އަނެއްބައި މެންބަރުން ވިދާޅުވީ އަތޮޅު ކައުންސެލަރު ކިޔުންވެސް ރަނގަޅު ވާނެ ކަމަށެވެ. އަދި އަތޮޅު ކައުންސެލަރުގެ ނަމުގައި އެމަގާމަށް ނަން ދެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބައެއް މެންބަރުން ވިދާޅުވީ، ސިޓީއަކަށް ނޫން ގޮތަކަށް މޭޔަރުގެ މަގާމު ކިޔުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެއީ މޭޔަރުގެ މަގާމަކީ ވަކި ކަންތައްތަކަކާއި އުސޫލުތަކެއް އަދި ސްޓޭންޑެޑްތަކެއް ހަމަޖެހިފައި އޮންނަ މަގާމެއް ކަމަށް ވާތީއެވެ.
އަނެއްބައި މެންބަރުން ވިދާޅުވީ، ކުރީގައި ކަންތައްތައް ހިނގާފައި ހުރިގޮތުން އަތޮޅުވެރިޔާގެ ނަން އެ މަގާމަށް ދީފިނަމަ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ހިތް ނުތަނަވަސްކަން އުފެދިދާނެ ކަމަށެވެ. އެ ގޮތަށް ފާހަގަ ކުރެއްވި މެންބަރުން ވިދާޅުވީ އެއީ އަތޮޅުވެރިން ވެރިކަންކުރި ޒަމާނުގައި އެބޭފުޅުން ކަންތައްތައް ކޮށްފައި ހުރި ގޮތުން ކަމަށެވެ. އަދި މިއަދުގެ މަޖިލިސް ކޮމިޓީގައި، އަތޮޅު ކައުންސިލްގައި ހުރިހާ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ތިއްބަވާއިރު، މުޅި އަތޮޅުން ވަކި ބޭފުލަކު ހޮވުން އެހާ މުހިއްމު ނޫން ކަމަށްވެސް ބައެއް މެންބަރުން ވާހަކަ ދެއްކެވިއެވެ.
ބައެއް މެންބަރުން ވިދާޅުވީ އަތޮޅުވެރިޔާގެ ގޮތުގައި އަތޮޅު ކައުންސިލްގައި ހިމެނޭ ބޭފުޅުންގެ މެދުގައި ބާއްވާ އިންތިހާބަކުން އެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ހަމަޖެއްސިދާނެ ކަމަށާއި ނޫން ނަމަ ދައުރުވާ ގޮތަށް ކޮންމެ އަހަރަކު ކައުންސިލަރަކު ކައުންސިލްގެ ރައީސްގެ ގޮތުގައި އެ މަގާމު އަދާކުރެވިދާނެ ކަމަށެވެ.
މިއަދުގެ މަޖިލިސް ކޮމިޓީ ނިމުނު އިރުވެސް ވަކި ގޮތަކަށް ކަނޑައަޅައި ފާސް ކޮށްފައެއް ނުވެއެވެ.