އުންމީދީ ދުވުންތެރިޔާ އާއިޝަތު ހިމްނާ ހަސަން ކަލާސް އެވޯޑު 2018 ހޯދި އިރު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ދެއްވާ ހާއްސަ އެވޯޑު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއަށް ލިބިއްޖެއެވެ.
ކުޅިވަރުގައި ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ކަލާސް އެވޯޑުގައި އެކި ކެޓަގަރީތަކުން ރޭ ވަނީ އެވޯޑު ހަވާލުކޮށްފައެވެ.
ހުޅުމާލެ ހުރަވީ ސްކޫލުގައި ރޭ ބޭއްވި ކަލާސް އެވޯޑް 2018ގެ ރަސްމިއްޔާތުގައި ގައުމީ އެތުލެޓިކްސް ޓީމުގެ އެތުލީޓު ހިމްނާއަށް އެވޯޑު ހަވާލުކޮށްދެއްވީ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހްމަދު (މާއްޓޭ) އެވެ. މިދިޔަ އަހަރު ބޭއްވި އެތުލެޓިކްސް މުބާރާތްތަކުގައި އެންމެ ކާމިޔާބު އަންހެން އެތުލީޓަކީ އައްޑޫ ހައި ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ހިމްނާއެވެ.
ކަލާސް އެވޯޑުގައި މުޅިން އަލަށް ތައާރަފުކުރި މިނިސްޓަރުގެ އެވޯޑު، ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ދީމާއަށް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. އެ އެވޯޑު ދެވޭ އުސޫލުގައިވާ ގޮތުން ރާއްޖޭގެ ސްކޫލެއްގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އިތުރުން ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން ގައުމަށް ރީތި ނަން ހޯދައިދޭ ދަރިވަރުންނަށް އެ އެވޯޑު ހޯދުމުގެ ފުރުސަތު ލިބެއެވެ.
ސްރީލަންކާގައި ތައުލީމު ހާސިލުކުރަމުން އަންނަ ދީމާއަށް މިދިޔަ އަހަރުގެ އިތުރުން މިއަހަރަކީ ވެސް ވަރަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެއަށް މެޑަލް ހޯދައިދިން ދީމާ ވަނީ މިއަހަރުގެ ގައުމީ މުބާރާތުގެ ކާމިޔާބީގެ އިތުރުން މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދީފައެވެ.
ކަލާސް އެވޯޑުގެ ރަން ވަނަ ހާސިލުކުރި ހިމްނާ ވަނީ އައުޓްސްޓޭންޑިން އެތުލީޓުގެ އެވޯޑު ވެސް ހޯދައިފައެވެ. އޭނާގެ އިތުރުން އިސްކަންދަރު ސްކޫލުގައި ކިޔަވަމުން އަންނަ ޓީޓީ ކުޅުންތެރިޔާ އާއިޝަތު ރަފާ ނާޒިމާއި އިމާދުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް އަހްމަދު ވެސް އައުޓްސްޓޭންޑިން އެވޯޑު ހާސިލުކުރި ދަރިވަރުންގެ ތެރޭގައި ހިމެނެއެވެ.