ކޮންމެ ކުއްޖަކީ ގައުމަށްޓަކައި ހިދުމަތް ކުރެވޭ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ، މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށް ވުމަށް އަޒުމުކަނޑައެޅުމަށް ނައިބު ރައީސް ފައިސަލް ނަސީމް ސްކޫލު ކުދިންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ނައިބު ރައީސް، ފައިސަލް ނަސީމް އެގޮތަށް އެދިވަޑައިގެންނެވީ 2019-2020 ވަނަ އަހަރުގެ ކަލަރސް އެވޯޑް ދިނުމަށް ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ދަރިވަރުން ސްކޫލް ދައުރުގައި ވިސްނަން އެބަޖެހޭ ކޮންމެ ކުއްޖަކީވެސް މުހިންމު ކުއްޖަކަށްވާން، ގައުމަށްޓަކައި ހިދުމަތްކުރެވޭ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށްވުމަކީ އެއީ އަޒުމެއްކަމަށް ހަދަން އެބަޖެހޭ، ކޮންމެ ކުއްޖަކީ ވެސް މުހިންމު ކުއްޖެއް. އަޅުގަނޑުމެންގެ ތެރޭގައި ވަކި ތަފާތުކުރުމެއް އޮވެގެންނުވާނެ، އަޅުގަނޑުމެން މުޅި ރާއްޖޭގައި ތިބި ދަރިވަރުންނަކީ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަކީ ރާއްޖެއަށް މުހިންމު، އާދެ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއީ މާދަމާ ގައުމު ހިންގާނެ ލީޑަރުންނޭ، ފިއުޗަރުންނޭ" ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކައިގައި ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދަރިވަރުން ބޭތިއްބުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައުމާއެކު މުޅިން އަލަށް ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމެއް ފަށައި އޭގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާތަކެއް ކޮށްފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"މި ސަރުކާރުގެ ފެށުން ވެސް ވެގެންދިޔައީ އާދެ ކުޅިވަރުޅުގެ އީދަކުން، ސަރުކާރުން އެންމެ އިސްކަން ދޭ ކަމެއްގެ ގޮތުގައި މިއޮތީ ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށްޓަކާކުރަން ޖެހޭ އެކި ކަންކަންތައް ކުރުން، މީގެ ތެރޭގައި ހާއްސަ ގޮތެއްގައި ދަރިވަރުންގެ ދުޅަހެޔޮކަމަށް ދަރިވަރުންގެ ސިއްހަތަށް ގިނަގުނަ ސަމާލުކަމެއް ދީފައި އެބަވޭ، އާދެ އަޅުގަނޑު ދަންނަވާލާނީ އެގޮތުން މި ސަރުކާރުގެ ފެށުމާއެކު މުޅިން އަލަށް ދިވެހިރާއްޖޭގެ ސްކޫލުތަކަށް، ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމެއް ފެށިގެންދިޔަ ވާހަކަ، އާދެ އެނގިވަޑައިގަންނަވާނެ މީގެ ސަބަބުން ވަރަށް ގިނަގުނަ ފައިދާތަކެއް ދަރިވަރުންނަށް ކުރި" ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ، އެމަނިކުފާނުގެ ސްކޫލުދައުރުގެ ބައެއް ހަނދާންތައް އާ ކުރައްވަމުން ސްކޫލު ދައުރުގައި އެމަނިކުފާނަށް ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެ، އެތައް ފައިދާތަކެއް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވައިފައެވެ.
"އަޅުގަނޑަކީ ރާއްޖޭގެ ދެކުނުގެ އަތޮޅެއްކަމަށްވާ ފުވައްމުލަކަށް ނިސްބަތްވާ މީހެއް، އަޅުގަނޑުވެސް ނަސީބު ރަނގަޅުކަމުން އަޅުގަނޑަށް މާލެއަށް ކިޔަވަން އައުމުގެ ފުރުސަތު ލިބުނު، މައިންބަފައިންނާ ވަކިން ނަމަވެސް އެއީ އަޅުގަނޑަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް، އަޅުގަނޑު ކުޅިވަރުގެ މިފަދަ ދަރިވަރުންގެ ކާމިޔާބީތަކެއް ފާހަގަކުރާ ރެއެއްގައި ހަމަ ހަނދާނަށް އަންނަނީ އެދުވަހު އަޅުގަނޑުމެން ކުޅެން އުޅުނު ގޮތްތައް، އާދެ މާލެ ހިއްކި ބިމުގައި ފުޓްބޯޅައާއި ކްރިކެޓާއި އަދި މާލޭ އިންޑޯ ސްޓޭޑިއަމްގަ ޓޭބަލް ޓެނިހާ ބެޓްމިންޓަނާ މިބާވަތުގެ ކުޅިވަރު ކުޅެގެން އަޅުގަނޑުމެން އުޅުނީ، ހަގީގަތަކީ ކުޅިވަރު މައިދާނުގައި އެގޮތަށް އުޅެން ވަރަށް ގިނަ ވަގުތު ހޭދަވޭ، މުޅި ދުވަހުގެ ބޮޑުބައި އަޅުގަނޑަށް ހަމަގައިވެސް ހޭދަކުރަން ޖެހުނީ، މާލެ ހިއްކި ބިމުގަޔާ މިދެންނެވި ތަންތަނުގަ. ސްކޫލް ނިންމުމަށްފަހު ކުޅިވަރުގަ، އެއިން އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް ވަރަށް ގިނަ ފައިދާތަކެއްކުރިކަމަށް، ވަރަށް ގިނަ ރައްޓެހިން ލިބުނު." ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެގޮތަށް ކުޅިވަރު ކުޅުމުގެ ތެރޭގައި އުޅުމުގެ ސަބަބުން ގަޑިއަށް ފަރުވާތެރިވުމާއި މަޝްވަރާކުރުމުގެ މުހިންމުކަން ދަސްވެވަޑައިގެންނެވި ކަމަށެވެ. ނައިބު ރައީސް ވަނީ ސްކޫލް ކުދިންނަކީ ހެލިފެލިވެ އުޅޭ އަދި ކަސްރަތު ކުރާ ބަޔަކަށް ވާންޖެހޭކަން ފާހަގަކުރައްވައި އެކަމުގައި ހުރި ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ.
ރޭ ބޭއްވި 2019-2020 ވަނަ އަހަރުގެ ކަލާސް އެވޯޑްގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ލިބުނު ދަރިވަރުންނަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ނައިބު ރައީސެވެ.
ކަލަރސް އެވޯޑަކީ ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުން ކުޅިވަރުގެ ދާއިރާއިން ހޯދާ ކާމިޔާބީގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދޭ އެވޯޑެކެވެ.