ހައްޔަރުކުރި ކަމަށް ނުވަތަ ފުލުހަށް ހާޒިރުކުރި ކަމަށް ބުނެ، ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު، އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ، ޝިފާޒު ރޭ ފަތިހުގެ ވަގުތެއްގައި ހައްޔަރު ކުރި ކަމަށާއި ފުލުހަށް ހާޒިރުކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވާތީ އެކަމާ ގުޅޭ ގޮތުން "ވަން އޮންލައިން" އިން މިއަދު ސުވާލު ދެންނެވުމުންނެވެ.
އޭނާއާ ގުޅުވައިގެން ޗެނަލް 13 އިން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށާއި އެކަން، ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ބައްލަވައިދެއްވުން އެދި ޝިފާޒު ވެސް ވަނީ މިއަދު މެންދުރު ޓުވީޓެއް ކުރައްވާފަ އެވެ.
ޝިފާޒް ހައްޔަރު ނުކުރާ ކަމަށާއި ފުލުހަށް ހާޒިރުކޮށްފައި ވެސް ނުވާ ކަމަށް ފުލުހުން ވަނީ ފުލުހުންގެ މީޑިއާ ގުރޫޕުގައި ބުނެފަ އެވެ.
ނާޒިމް ވިދާޅުވީ މި ދަނޑިވަޅުގައި ޝިފާޒާ ގުޅުވައިގެން މި ފަދަ ވާހަކަތަކެއް ފެތުރުމުގެ ބޭނުމަކީ ކުރިޔަށް އޮތް އެމްޑީޕީގެ ނައިބު ރައީސްގެ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ. އެހެން ކަމުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަހުގެ 22 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އިންތިހާބުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ޝިފާޒު ވަނީ ކުރިމަތިލައްވާފަ އެވެ. އޭނާގެ އިތުރުން އެ މަގާމަށް ވާދަކުރައްވަނީ އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.