އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ހުށަހެޅުމުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވަކިކުރަން ފާސް ކުރީ ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އުއްތަމަ ފަނޑިޔާރު ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.
އުއްތަމަ ފަނޑިޔާރު ވަކި ކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީން މަޖިލީހަށް ހުށަހެޅީ، ޖޭއެސްސީން އެގޮތަށް ނިންމައި މަޖިލީހަށް ފޮނުވި ރިޕޯޓު ދިރާސާ ކުރުމަށްފަހުގައެވެ.
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރެއްވީ 2018 އަހަރުގެ ޖޫން 28 ގަ އެވެ.
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ޑރ. އަހުމަދު އަބްދުﷲ ދީދީ ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމީ 15 ކަމަކަށް ރިއާޔަތް ކޮށެވެ.
ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީ އަށް ލިބިފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް އެ މުއައްސަސާތަކަށް ހުރަސްއެޅުން
އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމަށް ގާނޫނުތަކުގައި ކަނޑައަޅާފައިވާ ނިޒާމު ސުޕްރީމް ކޯޓުން ބަދަލުކޮށް އަދުލު އިންސާފު ގާއިމު ކުރުމުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް އެ ކޯޓުން އަމިއްލައަށް ހަވާލުވުން
ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
ޖުޑީޝަލް ކައުންސިލްގެ ނަމުގައި ގާނޫނުން ކައުންސިލެއް އުފައްދަވާފައިވަނިކޮށް އެ ކައުންސިލް އުވާލައި އެ ކައުންސިލާ މަތިކޮށްފައިވާ މަސްއޫލިއްޔަތު ތަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ހަވާލުވެ އެ ކައުންސިލްގެ ނަމުގައި އެހެން ކައުންސިލެއް އުފެއްދުން
އިސްތިއުނާފު ކުރުމުގެ މުއްދަތުގެ ގޮތުގައި ގާނޫނުތަކުން ކަނޑައަޅާފައިވާ މުއްދަތު ތަކަށް ސުޕްރީމް ކޯޓުން ބަދަލު ގެނައުން
ދަށު ކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވައިދެއް ހަދައި ގާނޫނުގެ ދަށުން ޖޭއެސްސީއަށް ލިބިފައިވާ ބާރު ނެގުން
މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތު ނުވާކަމަށް ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެލޭނެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި މައްސަލަ
ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން އެޗްއާރުސީއެމްގެ މައްޗަށް މައްސަލައެއް ހިންގައި އެ ކޮމިޝަންގެ ގާނޫނީ ބާރު ގެއްލޭ ގޮތަށް އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް ކަނޑައެޅި މައްސަލަ
ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ލިބިގެން ނުވާ ކަމަށް ނިންމި މައްސަލަ
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ނިންމައި މަގާމުން ވަކިކުރި މައްސަލަ
ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި މައްސަލަ
ސުޕްރީމް ކޯޓުގެ ސާކިއުލާތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމަށް ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމް ގާނޫނު ހަދާ މައްސަލަ
ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅުން
ނިމިދިޔަ މަޖިލީހުގެ 12 މެންބަރެއްގެ ގާނޫނީ ވާޖިބު އަދާ ނުކުރެވޭ ގޮތަށް އަމަލު ކުރި މައްސަލަ
މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ބައިތައް ފަހުން ބަދަލުކުރި މައްސަލަ