ދުނިޔެ

ރާއްޖޭގެ ރައްޔިތުންނަށް ޝުކުރިއްޔާ، ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރާނަން: ގޯޓާބޭ ރާޖަޕަކްސާ

ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، އެގައުމުގެ ރައީސް ކަމަށް އިއްޔެ އިންތިހާބުވެވަޑައިގެންނެވި، ގޯޓާބޭ ރާޖަޕަކްސާ ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

ގޯޓާބޭ ރާއްޖޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވީ، އެމަނިކުފާނު ހޮވިވަޑައިގަތުމާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހީން އެމަނިކުފާނަށް މަރުހަބާ ކިޔާފައި ވާތީ އެކަން ފާހަގަކުރައްވައި ރޭ ދަންވަރުގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގަ އެވެ.

ގޮޓާބޭ ވިދާޅުވި ގޮތުގައި، ކުރިޔަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެ ގައުމަށް ވެސް އެންމެ ފައިދާހުރި ގޮތުގައި ކަންކަން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކުރައްވާނެ އެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ގޯޓާބޭ ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ %52.25 ވޯޓު ހޯއްދަވައިގެންނެވެ.

ވޯޓުގެ ވަގުތީ ނަތީޖާ ހާމަކުރުމާއެކު ޕްރަމަދާސަ ވަނީ ބަލި ގަބޫލުކުރައްވައި ގޯޓާބޭއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރައްވައި، ވޯޓުގެ ނަތީޖާ ބަލައިގަންނަ ކަމަށް ޕްރަމަދާސާ ވިދާޅުވެފައިވެއެވެ.

އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ގޯޓާބޭ ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ކުރައްވާނީ ރައްޔިތުންގެ ވެރިކަމެކެވެ. ވޯޓު ދިން މީހުންނާއި ނުދޭ މީހުންނާ ދެމެދު އެއްވެސް ކަހަލަ ތަފާތުކުރުމެއް ނުގެންގުޅުއްވާނެ ކަމަށާއި އެމަނިކުފާނަކީ ހުރިހާ ރައްޔިތުންގެ ވެސް ރައީސް ކަމަށް ވިދާޅުވި އެވެ.

މި އިންތިހާބަކީ ލަންކާއަށް މިދިޔަ އޭޕްރީލް މަހު ދިން ދިން ބޮމުގެ ހަމަލާއަށްފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ މިފަދަ އިންތިހާބެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 83 ޕަސެންޓު މީހުން މި އިންތިހާބުގައި ވޯޓުލާފައިވާ ކަމަށް ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

ގޯޓާބޭ އަކީ ލަންކާގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސާގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ.

ގޯޓާބޭ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ.