އިސްލާމްދީނަށާއި ކީރިތިރަސޫލާއަށް ފުރައްސާރަކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އަކީ މޮޔައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ވެލެޒިނީ އަކީ މޮޔައެއް ކަމަށް ބަލަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
އަލްހާން ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުރެގެން ފޭސްބުކާއި ޓްވިޓާ މެދުވެރިކޮށް އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މުރުތައްދުގެ އެންމެ މަތީ ދަރަޖައަށް ވެލެޒިނީ ވަނީ ވާހަކަދައްކާފައި ކަމަށެވެ. އެހެންކަމުން މުރުތައްދުވި މައްސަލަ ތަހުގީގުކޮށް ހުކުމް އިއްވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ ވެލެޒިނީގެ ހިމާޔަތުގައި ވެލެޒިނީއަކީ މޮޔައެއް ކަމަށް ވާހަކަދައްކާ މީހަކު ފުރަތަމަވެސް ދިވެހިރާއްޖޭގެ ރައްޔިތުން ކުރިމައްޗަށް އަންނަންވާނީ ވެލެޒިނީއަކީ ސައިކޭޓިސްޓުން ބުނެފަ އޮންނަ ލިޔުމެއް ހިފައިގެން. އެ ނޫންގޮތަކަށް އައިސްފިއްޔާ އެއާ މެދު މައްސަލަޖެހޭނެ. އެއީ ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން. ވެލެޒިނީ އަކީ މޮޔައެއް ކަމަށް އަދިވެސް ގަބޫލެއް ނުކުރެވޭ،" އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ވެލެޒިނީ އަކީ މޮޔައަކަށް ހަދައިގެން އެނާ ދެއްކި ވާހަކަތަކަށް އަދަބު ނުލިބޭނެ ކަމުގެ އިހްސާސް ކުރެވޭގޮތަށް އަމަލުކުރުމަކީ ކަމުދާ ކަމެއް ނޫން ކަމަށެވެ.
"އެހެންވީމަ ސެންސެޓިވް އިޝޫތަކުގައި ވާހަކަދައްކާއިރު އަޅުގަނޑުމެން ވިސްނަންޖެހޭނެ. އަޅުގަނޑު އަދިވެސް ގަބޫލެއް ނުކުރަން ވެލެޒިނީއަކީ މޮޔައެއް ކަމަކަށް. ވެލެޒިނީ އަކީ މޮޔައެއް ކަމަށް ސާބިތުކޮށްދީފަ އެ ހިސާބުން ތަކުލީފު އުފުލަން ނުޖެހޭނީ. ތަކުލީފު އުފުލަންޖެހޭނެ ކޮންމެ މީހަކުވެސް ބޮޑުވީމަ. ބާލިޣުވެފަ ހުންނަމީހާ ތަކުލީފު އުފުލަންޖެހޭނެ،" އަލްހާން ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ނެދަލޭންޑްސްގެ ދަ ހޭގުގައި އުޅުމަށްފަހު ވެލެޒިނީ ރާއްޖެ އައީ މިދިޔަ އަންގާރަ ދުވަހުއެވެ. އެރޭގެ ވަގުތެއްގައި ފުލުހުން އޭނާ ހައްޔަރުކުރިއެވެ. ހައްޔަރުކުރުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އެމްޑީޕީއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ ވެލެޒިނީ ދޫކޮށްލުމަށް ގޮވާލާފައެވެ.
އިއްޔެގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންދިޔުމުން އެ ހޮސްޕިޓަލްގައި އޭނާ ވަނީ އެޑްމިޓްކޮށްފައެވެ. އަދި ވެލެޒިނީގެ ބަންދާމެދު ގޮތެއް ނިންމަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދިފައެއްވެސް ނުވެއެވެ. ފަހުން ފުލުހުން ވަނީ ބަންދުން ދޫކޮށްލުމަށްފަހު ވެލެޒިނީ އާއިލާއާ ހަވާލުކޮށްފައެވެ.