ކުއްލި ޚަބަރު

މިމަހު 28ގައި ރައީސް ޔާމީނަށް ހުކުމް އިއްވަނީ

އިބްރާހިމް ޒަކީ

ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން މިމަހު 28 ހައި ބާއްވަން ކަނޑައަޅައި މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައިފި އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑާ ކުރުމުގެ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލިސް ފެށީ އެކަމަށް އެކުލަވާލާފައިވާ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ.

ބެންޗުގައި ތިއްބެވީ ކްރިމިނަލް ކޯޓު ހިންގުމާ މިހާރު ހަވާލުވެ ވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިނާއި، ގާޒީ އަހުމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރާއި، ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ގާޒީންގެ ބެންޗުން މިއަދު ނިންމީ ރައީސް ޔާމީންގެ މައްސަލަ ނިންމާފައި އޮތް ހިސާބުން ފަށައިގެން ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން އޮންނާނީ ހުކުމް އިއްވުމެވެ.

ނަމަވެސް ގާޒީިންގެ ބެންޗުން ގޮތެއް ނިންމެވުމުގެ ކުރިން ދައުވާ ލިބޭ ފަރާތުން އިތުރުކަމެއް ފާހަގަކުރަން ބޭނުންވޭތޯ ގާޒީ އަލީ ރަޝީދު އެއްސެވިއެވެ.

އެކަމާގުޅިގެން ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން، ފަނޑިޔާރުންގެ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނެވުމަށް އިންކާރު ކުރެއްވިއެވެ.

ރައީސް ޔާމީންގެ ވަކީލު އަލީ ޝާހު ވިދާޅުވީ، ގާޒީ ތަނާޒުލުވާން ޖެހޭ ތިން ހާލަތެެއް ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށާއި އެ ހާލަތްތަކަށް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި އިސްގާޒީ އަލީ ރަޝީދު ފެތޭ ކަމަށެވެ.

އަދި އިންސާފު ގާއިމު ކޮށްދޭ ފަރާތުގެ މައްޗަށް ދައުވާ ލިބޭ ފަރާތުގެ އިތުބާރު އޮތުމަކީ އަސާސީ ހައްގެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގެ މައްސަަލައާބެހޭގޮތުން ގާޒީ އަލީ ރަޝީދު މީޑިއާ އަށް މައުލޫމާތު ދެއްވާފައި ވުމަކީ ވަކި ފަރާތަކަށް ޖެހި އިތުބާރު ގެެއްލިފައިވާކަމެއް ކަމަށެވެ. އެހެންކަމުން ބެންޗުން ތަނާޒުލު ވުމަށް ގާޒީ އަލީ ރަޝީދު އަމިއްލަ ފުޅަށް ގޮތެއް ނިންމަވައި ދެއްވުމަށާއި ބެންޗުގައި ތިއްބެވި އެހެން ފަނޑިޔާރުންވެސް އެކަމަށް ގޮތެއް ނިންމަވައި ދެއްވުމަށް ޝާހު އެދި ލެއްވިއެވެ.

ޝާހުގެ ވާހަކައަށްފަހު ރައީސް ޔާމީން ވެސް ފުރުސަތު ހޯއްދަވައިގެން ވިދާޅުވީ މި ޝަރީއަތުގެ ބިސްމި ކީ ހިސާބުން އަނިޔާ ލިބެމުންދާ ކަމަށާއި ހިތް ނުތަނަވަސް ކަމެއް އެބަހުރި ކަމަށެވެ. އެހެންކުން ޔާމީންގެ ފަރާތުން އެދި ލައްވާގޮތަށް ބެންޗުން ނިންމަވައި ދެއްވުމަށްވެސް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ގާޒީ އަލީ ރަޝީދުގެ މައްސަލަ ބެންޗަށް ހުށަހެޅުއްވުމުން އެ ކަމާމެދު ގޮތެއް ނިންމެވުމަށް ގާޒީންގެ މެދުގައި މަޝްވަރާ ކުރުމަށް ކުޑަ ވަގުތު ކޮޅަގަށް ޝަރީއަތުގެ މަޖިލިސް މެދު ކަނޑައި ލެއްވިއެވެ.

މާ ގިނައިރެއްނުވެ ޝަރީއަތުގެ މަޖިލިސް ފެއްޓެވުމަށްފަހު ގާޒީ އަލީ ރަޝީދު ވިދާޅުވީ ގާޒީ ތަނާޒުލު ވެވޭނެ ހާލަތްތަކެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާގައި ބުނެފައިވާ ކަމަށާއި ގާޒީ ހަމަ ބޭނުންވާއިރަށް ތަނާޒުލުވެވޭގޮތަށް ނޯންނަ ކަމަށެވެ.

ގާޒީ ތަނާޒުލުވާން ޖެހޭ ތިން ހާލަތަކީ، ސިޔާސީ ފަރާތަކުން ދެއްކި ވާހަކައަކަށް މީޑިއާގައި ރައްދު ދިނުމާއި، ކޯޓާ ބެހޭގޮތުން މީޑީއާއިން ބުނާ އެއްޗަކަށް ރައްދު ދިނުމުގެ އިތުރުން ހިނގަމުންދާ މައްސަލައާ ބެހޭގޮތުން މީޑީއާއަށް މައުލޫމާތު ދިނުމެވެ. އެއިން އެއްވެސް ހާލަތަކަށް ފެތޭ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، މީޑިއާއަށް ވިދާޅުވި އެއްޗެއް ވިދާޅުވީ އިންޓަވިއުއެއް ދިނުމަށް ނޫން ކަމަށް ވެސް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ. އަދި މީޑިއާއަކުން ފޯނުން ކުރި ސުވާލަކަށް ޖަވާބެއް ދީފައި ވާނީ އެ ޖަވާބު ކޮންމެހެން ވެސް ދޭން ޖެހޭ ކަމަށް ފެނިވަޑައިގަންނަވައިގެން ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.

އެހެން ވިދާޅުވެ މިމަހު 28 ގައި ރައީސް ޔާމީންގެ ޝަރީއަން ނިންމެވުން އޮންނާނެ ކަމަށް ގަޒީ އިއުލާން ކުރައްވައި ޝަރީއަތުގެ މަޖިލިސް ނިންމަވައި ލެއްވިއެވެ.