ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރިޔަށް ގެންދާ މަނީ ލޯންޑަރިންގެ ޝަރީއަތުގެ އަޑުއެހުންތައް ނިމިފައިވާ ހިސާބުން ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެކަން އިއުލާނު ކުރެއްވީ މިހާރު ކުރިޔަށް ދާ ޝަރީއަތުގެ މަޖިލީހުގައި، ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އެވެ.
ގާޒީ އަލީ ރަޝީދުގެ މި ނިންމެވުމަކީ ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މި ދައުވާގެ އިބްތިދާއީ އަޑުއެހުމުން ފަށައިގެން އަލުން ކުރިއަށް ގެންދިއުމަށް އެދުމުން ނިންމެވި ނިންމެވުމެކެވެ. ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ އަލުން ބަލަން އެދިފައިވަނީ މި ޝަރީއަތަށް މުޅިން އާ ގާޒީންތަކަކާއެކު މައްސަލަ ގެންދާތީ ކަމަށް ރައީސް ޔާމީންގެ ވަކީލުން ޓީމުން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ލޯޔަރު ވަނީ ގާޒީ އަލީ ރަޝީދު މި މައްސަލައިން ތަނާޒުލްވެ، އެމަނިކުފާނުގެ ޖާގައަށް އިތުރު ގާޒީއެއް އައްޔަން ކުރުމަށް އެދިވަޑައިގެންފައެވެ. މި ފަދައިން އެދިވަޑައިގަތީ ގާޒީ އަލީ ރަޝީދު މީޑިއާއަކަށް މައުލޫމާތު ދެއްވުމުން ކަމަށާއި، މިއީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ރައީސް ޔާމީންގެ ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި ގާޒީ އަލީ ރަޝީދު ގާޒީންގެ ބެންޗުގައި އިންނަވާ ނަމަ ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި ނުވެދާނެ ކަމަށް ދެކޭ ކަމަށް ރައީސް ޔާމީންގެ ވަކީލު ވިދާޅުވިއެވެ. ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ އެހެން ގާޒީންނަށް އިތުބާރު ކުރައްވާ ކަމަށް ވެސް ރައީސް ޔާމީންގެ ވަކީލު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ފަރާތުން އެދިލެއްވި އެދިލެއްވުމަށް ޖަވާބު ދެއްވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ މައްސަލަ ބަލާ ބެންޗުން މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާނެ ގޮތަކާއި ގުުޅިގެން ވަރަށް ބޮޑަށް މަޝްވަރާކުރެއްވި ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ނިމިފައިވާ ހިސާބުން ކުރިއަށްގެންދަން ނިންމީ މައްސަލައިގެ ހެކިބަސް ނަގައި، ހުލާސާ ބަޔާން ނިންމާފައިވާ މައްސަލައެއް ކަމަށް ވުމުން ކަމަށް ގާޒީ ވިދާޅުވިއެވެ. ކޯޓުގެ އާންމު އުސޫލުގެ ދަށުން މައްސަލައެއްގައި ހެކި ބަސް ނަގާފައިވާ ނަމަ އެ މައްސަލައެއް އަލުން ބަލަން ނުފަށާކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
ގާޒީ އަލީ ރަޝީދު އިތުރަށް ވިދާޅުވީ މި މައްސަލަ ބެލުމަށް ބެންޗެއް ކަނޑައެޅުނު ދުވަހުން ފެށިގެން ބެންޗުގައި ހިމެނޭ ގާޒީންނަށް މި މައްސަލައިގެ ޝަރީއަތުގެ ހުރިހާ ރިކޯޑިންގް، ޓްރާންސްކްރިޕްޓް އަދި ހުށަހެޅިފައިވާ ހުރިހާ ލިޔުންތަކެއް ހަވާލު ކުރެވިފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގެ ހުލާސާ ބަޔާން ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހު ނުވަ ވަނަ ދުވަހުއެވެ. ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާ މި ދައުވާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކުރައްވައި އޭގެ އަސްލު އޮޅުވައިލެއްވި ކަމަށް ބުނާ މައްސަލައެކެވެ.