ދުނިޔެ

ލަންކާގެ ރިޔާސީ އިންތިހާބު: ޕްރަމަދާސާ ބަލި ގަބޫލުކުރައްވައި ގޯޓަބަޔާ ރާޖަޕަކްސާއަށް މަރުހަބާ ވިދާޅުވެއްޖެ

ލަންކާގެ ރިޔާސީ އިންތިހާބުގައި މިހާރު ވެރިކަން ކުރަމުން އަންނަ ކޯލިޝަނުގެ މައި ޕާޓީ ކަމަށްވާ ޔޫއެންޕީގެ ކެންޑިޑޭޓު، އަދި މިހާރުގެ ހައުސިން މިނިސްޓަރު، ސަޖިތު ޕްރަމަދާސާ ބަލި ގަބޫލުކުރައްވައި އިދިކޮޅު ކެންޑިޑޭޓް ގޯޓަބަޔާ ރާޖަޕަކްސާ އަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޕްރަދަމަދާސާ ގޯޓަބަޔާއަށް މަރުހަބާ ވިދާޅުވެފައިވާ އިރު، މިހާތަނަށް އިރުލާނު ކުރި ނަތީޖާއިން ގޯޓަބަޔާ އުޅުއްވަނީ 53 ޕަސެންޓް ވޯޓުން ކުރީގަ އެވެ. އަދި ގޯޓަބަޔާގެ ޓީމުން ވަނީ އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް އިއުލާނުވެސް ކޮށްފަ އެވެ.

"ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް، ލަންކާގެ ސްރީލަންކާގެ ހަތް ވަނަ ރައީސަށް މަރުހަބާ ދެންނެވުމަކީ އަހަރެންނަށް ލިބޭ އުފަލެއް." ޕަރަމަދާސާއާ ހަވާލާދީ ބައިނަލް އަގުވާމީ މީޑިއާގައި ބުނެފައިވެ އެވެ.

ލަންކާ ސަރުކާރާ ދެކޮޅަށް އެތައް އަހަރެން ވާންދެން ހަނގުރާމަ ކުރި، ތަމަޅަ ޓައިގަރުން ބަލިކޮށް އެމީހުންގެ އަތްދަށުން ލަންކާ މިނިވަން ކުރި އިރު، ގޯޓަބަޔާ ހުންނެވީ ލަންކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމުގަ އެވެ. އުމުރުފުޅުން މިހާރު 70 އަހަރު ފުރިފައިވާ ގޯޓަބަޔާ ރާޖަޕަކްސާ ވަނީ ލަންކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމު 10 އަހަރު ވަންދެން ފުރުއްވާފަ އެވެ. އެމަނިކުފާނަކީ ލަންކާގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސާގެ އެއްބަނޑުއެއްބަވާ ނުވަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނުގެ އެއް ކޮއްކޯފުޅެވެ.

ލަންކާއަށް ދާދި ފަހުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން، ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން، މިހާރު ރައީސް މަތިރިޕާލަ ސިރިސޭނާ ނިންމެވީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށެވެ. 269 މީހުން މަރުވި އެ ހާދިސާގައި، ސަރުކާރަށް އެންމެ ޕްރެޝަރު ބޮޑުވީ، އެ ހަމަލާގެ މައުލޫމާތު ތަކުރާރުކޮށް އިންޓެލިޖެންސަށް ލިބިފައި އޮވެމެ، އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ އެވެ. މި އިންތިހާބުގައި ޖުމުލަ 35 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.

މި އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު ހަވީރު އިއުލާނުކުރަން ނިންމާފައިވާ އިރު، 53 ނުވަތަ 54 ޕަސެންޓުގެ ނަތީޖާއެއް ގޯޓަބަޔާ ހޯދާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މީޑިއާގައި ވަނީ ވިދާޅުވެފަ އެވެ.