އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރު ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފި އެވެ.
މި ސެންޓަރު ރައީސް ހުޅުއްވައިދެއްވީ މިއަދު ހެނދުނު ބަންޑާރަ ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސް މިއަދު ހުޅުއްވައިދެއްވި މި ސެންޓަރަކީ އެމްއެންޑީއެފްގެ ހުރިހާ އޭރިއާތަކުގެ އޮޕަރޭޝަން ސެންޓަރުތަކުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ޒަމާނީ ޓެކްނޮލޮޖީއާއެކު ހިންގާ އޮޕަރޭޝަންތައް މޮނިޓާކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މަރުކަޒެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ މި ސެންޓަރުން ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޝަމާލް ވާހަކަދެއްކެވިއެވެ. މި ސެންޓަރުގެ މަސައްކަތްތަކުގެ ތައާރަފެއް ރައީސް ސޯލިހަށް އެރުވީ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުލްރައޫފު އެވެ.
މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި އެމްއެންޑީއެފް މާލޭ އޭރިއާގެ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގެންނެވި އެވެ.