ދުނިޔެ

ލަންކާގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ: ރާޖަޕަކްޝާގެ ކޮއްކޮފުޅު ގޯޓާބަޔާ 53 ޕަސެންޓުން ކުރީގައި

ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، މި އިންތިހާބު އެ ގައުމުގެ ކުރީގެ ރައީސް، ރާޖަޕަކްސާގެ ކޮއްކޯފުޅު ގޯޓާބަޔާ ރާޖަޕަކްސާ ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވިއްޖެ އެވެ.

މިހާތަނަށް އިއުލާނުކޮށްފައިވާ ނަތީޖާއަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓޭޓް ގޯޓާބަޔާ މި ވަނީ 52.87 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވާފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ސަޖީތު ޕްރަމަދާސާއަށް ލިބިވަޑައިގެންފައި ވަނީ 39.67 ވޯޓެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ބައި މިލިއަން ވޯޓުގެ ނަތީޖާ މިހާރު ވަނީ އިއުލާނުކޮށް ނިމިފަ އެވެ.

ލަންކާގެ ކުރީގެ ރައީސް ޖާޖަޕަކްސާގެ ވެރިކަމުގައި، ޑިފެންސް ސެކްރެޓަރީކަން ވެސް ކުރެއްވި ގޯޓާބަޔާގެ ތާއީދު ބޮޑުވީ އޭރު ތަމަޅައިންނާ ދެކޮޅަށް ހިންގި ހަނގުރާމަ ކާމިޔާބުކުރައްވައި ރާޖަޕަކްސާގެ ސަރުކާރުން ހޯދި ކާމިޔާބާ ގުޅިގެންނެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިޔަށް މިދަނީ މީގެ މަދު މަސްތަކެއް ކުރީން އެ ގައުމުގައި ބޮން ގޮއްވުމުގެ ހާދިސާތަކެއް ހިންގައި 267 މީހުން މަރާލާފައި ވަނިކޮށެވެ. މި އިންތިހާބާ ގުޅިގެން ލަންކާގެ އެކި ކަންކޮޅުތަކުގައި ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ވޯޓުލާން ނިކުތް ގިނަ އަދަދެއްގެ މުސްލިމުންނަށް ހުރަސް އަޅައި، އެމީހުން ވޯޓުލާން ދިޔަ ބަސްތަކަށް ބަޑީން ހަމަލާ ދިނުމުގެ ހާދިސާތަކެއް އިއްޔެ ވެސް ވަނީ ހިންގައިފަ އެވެ. އެހެން ނަމަވެސް އެހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.

ލަންކާގެ އިލެކްޝަންސްގެ ކޮމިޝަނުގެ ޗެއާމަން މަހިންދާ ދޭޝަޕްރިޔާ ވިދާޅުވެފައިވާ ގޮތުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 15.99 މިލިއަން މީހުންގެ ތެރެއިން 80 އިންސައްތަ މީހުން މި އިންތިހާބުގައި ވޯޓު ލާފައި ވެއެވެ.