ހުސްނުއްސުއޫދު

އީއައިއޭ ފާސްކުރުމަކީ ޓޫރިޒަމްއިން ކުރާ ކަމެއް ކަމަށް ހަމަޖެއްސުމަށް ގާނޫނަށް ގެނައި ބަދަލު އުވާލަންޖެހޭ: ސުއޫދު

ރިސޯޓް ތަރައްގީކުރުމުގެ ކުރިން ހުށަހަޅާ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ފާސްކުރުމަކީ ޓޫރިޒަމް މިނިސްޓްރީން ކުރާ ކަމެއް ކަމަށް ހަމަޖެއްސުމަށް ގާނޫނަށް ގެނައި ބަދަލު އުވާލަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ރ. ފައިނުގައި އެއާޕޯޓެއް އެޅުމަށް އައިލެންޑް އޭވިއޭޝަނުން ހުށަހެޅި އީއައިއޭ ބަލައިނުގަތުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ ނިންމައިފައެވެ. އީއައިއޭ އަކީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކޮށް ހުށަހަޅަން ޖެހޭ ރިޕޯޓެވެ.

ސުއޫދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރިސޯޓު ތަރައްގީ ކުރުމުގެ ކުރިން އަދި ރިސޯޓު ހެދުމަށްޓަކައި ފަޅުން ބިން ހިއްކުމުގެ ކުރިން ހަދަން ޖެހޭ އީއައިއޭ ފާސްކުރުމަކީ ޓޫރިޒަމް މިނިސްޓްރީން ކުރާ ކަމެއް ކަމަށް ހަމަޖެއްސުމަށް 2015 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލު އުވާލަން ޖެހޭ ކަމަށެވެ.

"ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމުގެ ކުރިން އަދި ރިސޯޓު ހެދުމަށްޓަކައި ފަޅުން ބިން ހިއްކުމުގެ ކުރިން ހަދަން ޖެހޭ އީއައިއޭ ފާސްކުރުމަކީ މިނިސްޓްރީން އޮފް ޓޫރިޒަމްއިން (ކޮރަޕްޝަނަށް މަގުފަހިކުރަން) ކުރާ ކަމެއް ކަމަށް 2015ގައި ހަމަޖެއްސުމަށް ގާނޫނަށް ގެނައި ބަދަލު އުވާލަން ޖެހޭ،" އޭނާގެ ޓުވީޓުގައި ވިދާޅުވިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފައިނުގައި އެއާޕޯޓް އެޅުމަށް އައިލެންޑް އޭވިއޭޝަނުން ހުށަހެޅި އީއައިއޭ ގަބޫލުނުކުރަން ނިންމި ސަބަބަކީ އީއައިއޭ ރިޕޯޓުގައި ހިމަނަން ޖެހޭ ބައެއް ކަންތައްތައް ހިމަނާފައިނުވުމުން ކަމަށެވެ.