ދުނިޔެ

ލަންކާގެ ރިޔާސީ އިންތިހާބު 2019: ވޯޓުލާން ދިޔަ މުސްލިމުން ތިބި ބަހަކަށް ހަމަލާދީފި

މުހައްމަދު އައުޒަމް

ލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ވޯޓުލާން ދިޔަ މުސްލިމުން ތިބި ބަހަކަށް ހަމަލާ ދީފިއެވެ.

ލަންކާގެ ދެކުނުގެ އަވަށެއްގައި ދަތުރުކުރަމުންދިޔަ ބަސް ހުއްޓުވުމަށްފަހު ބަޑި ހިފައިގެން ތިބި ބަޔަކު ވަނީ ބަޑިން ހަމަލާދީފައި ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ހަމަލާއަށްފަހު ހަމަލާދިން މީހުން ވަނީ ޓަޔަރުތަކުގައި ރޯކޮށް މަގުތައް ބްލޮކް ވެސް ކޮށްފައި ކަމަށް ހަބަރު ލިބެއެވެ.

މުސްލިމުން ދަތުރުކުރަމުން ދިޔަ ބަހަށް ދިން ހަމަލާ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ފަށާފައިވީ ނަމަވެސް މި ހަމަލާގައި މީހަކަށް އަނިޔާވިކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައިވާ އިރު، އެގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގައި މިހާރު ކުރިޔަށްދާ ރިޔާސީ އިންތިހާބުގައި 16 މިލިޔަނެއްހާ މީހުން ވޯޓު ލާނެކަމަށް ބެލެވެއެވެ. މިފަހަރުގެ އިންތިހާބުގައި 35 ކެނޑިޑޭޓުން ވަނީ ކުރިމަތިލައިފައެވެ.