ސިޔާސީ

ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުން ގާޒީ އަލީ ރަޝީދު ދުރުކުރަން އިދިކޮޅުން ގޮވާލައިފި

އިބްރާހިމް ޒަކީ

1

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރުމަށް ފަހު އެ ކޯޓު ހިންގެވުން ހަވާލު ކޮށްފައިވާ ގާޒީ އަލީ ރަޝީދު، ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުން އުނިކުރަން އިދިކޮޅު ޕީޕީއެމް، ޕީއެންސީން ގޮވާލައިފިއެވެ.

ޕީޕީއެމް ޕީއެންސީިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަން އެހެން އޮއްވައި، މާދަމާ ބާއްވާ ރައީސް ޔާމީންގެ ޝަރީއަތް ބެލުމަށް އެކުލަވާލާފައިވާ ބެންޗުގައި އަލީ ރަޝީދު އިންނެވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ޖުޑިޝަލް ސާވިސް ކޮމިޝަނުން އެ މައްސަލަ ބަލާ ބެންޗުން އަލީ ރަޝީދު އުނި ކުރަން ޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އަލީ ރަޝީދުގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހެޅިތާ ހަފުތާއަކަށްވީއިރުވެސް ބަލާފައިނުވާ ކަމަށެވެ. ނަމަވެސް ބައެއް ކަހަލަ ސުލޫކީ މައްސަލަ ތަކަކީ 24 ގަޑިއު ތެރޭގައި ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި، އެ މަނިކުފާނުގެ ވަކީލުންގެ އެދި ވަޑައިގަތުމުގެ މަތިިން އެ މައްސަލަ ބަލާނެ ބެންޗެއް މިދިޔަ އަންގާރަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އެކުލަވާލައިފައެވެ.

ކުރިމިނަލް ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް، ގާޒީ އަލީ ރަޝީދު އެކުލަވައި ލެއްވި ފަސް ރަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ގާޒީ އަލީ ރަޝީދާއި ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ބެންޗުގައި ސީނިއާ އެއްވެސް ބޭފުޅަކު ނެތުމަކީވެސް ކަންބޮޑުވާ ކަމެއް ކަމަށް އަދުރޭ ވިދާާޅުވިއެވެ.

މާދަމާ 1:30 އަށް ރައީސް ޔާމީންގެ ޝަރިއަތް ތާވަލު ކޮށްފައިވާއިރު، އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލައްވަން ޖެހޭ ކަމަށް ވިދާޅުވެ ގާޒީ އަލީ ރަޝީދު މީގެ ކުރިންވެސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރަމުންދަނީ ސިޔާސީ ދައުވާއެއް ކަަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ދެން އަންނާނީ ޕީޕީއެމް އާއި ޕީއެންސީ ގެ ވެރިކަމެއް ކަމަށާއި އެ ވެރިކަމުގައި ޒާތީގޮތުން ކަންތައްތައް ކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟