ޖުޑީޝަލް ސާވިސް ކޮމިޝަން، (ޖޭއެސްސީ) ގެ ރައީސް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އައްޔަން ކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީއަށް އާ ރައީސަކު އައްޔަން ކުރުމަށް ނިިންމައިފައިވަނީ އެ ކޮމިޝަންގެ ރައީސް ކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އިސްތިއުފާދެއްވި ސަބަބެއް ކަމަށް އަރީފް ބަޔާން ކުރައްވާފައި ވަނީ ސިއްހީ ހާލު ތަން ނުދިނުމާއި މަސައްކަތް ބުރަވުމާއި އެ ނޫން ވެސް އަމިއްލަ ބައެއް ސަބަބުތަކެވެ. ނަމަވެސް އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ވެސް ނަގަން ތައްޔާރުވަމުން ދިޔަ ކަމަށްވެ އެވެ.
ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަރާތުން އިންނަވާ، ފަނޑިޔާރު އަރީފް، ރައީސް ކަމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާއާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. ފަނޑިޔާރު އަރީފާ ގުޅޭ ގޮތުން ބަލަމުން އަންނަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ.
ފަނޑިޔާރު އަރީފްގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ޖޭއެސްސީން ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖޭއެސްސީން ހިންގާ ތަހުގީގުތަކަކީ ޣައިރު ގާނޫނީ ތަހުގީގުތަކެއް ކަމަށް ވިދާޅުވެ ޖޭއެސްސީއަށް ހާޒިރުވެވަޑައިގަންނަވަން ދެ ބޭފުޅުން ވެސް ވަނީ އުޒުރުވެރިވަޑައިގެންފަ އެވެ.