ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ސަސްޕެންޑްކޮށް، ވަކިކުރަން ހުށަހަޅަން ނިންމައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކޮށް، ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމި ނިންމުންތައް ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ސަސްޕެންޑްކުރީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ.

އޭގެ އިތުރުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާ ކަމަށާއި އެހެންވެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ވެސް ކޮމިޝަންގެ މިއަދުގެ ބަދަލުގައި ވަނީ ނިންމައިފައެވެ.

މި ނިންމުން ޖޭއެސްސީން ނިންމިއިރު، ދެބޭފުޅުން ވެސް ވަނީ ޖޭއެސްސީއަށް އެބޭފުޅުން ޖަވާބުދާރީވާންޖެހޭ އަސާސެއް ނެތް ކަމަށް ވިދާޅުވެ، ޖަވާބުދާރީވާން އިންކާރު ކުރައްވައިފައެވެ.

މިދިޔަ އަހަރު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު، އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަނީ ވަކިކޮށްފައެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަތަކެއް ވެސް ބަލަމުންނެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ދެ ފަނޑިޔާރުންނާ ބެހޭ ގޮތުން އެކުލަވައިލި ތަހުގީގު ރިޕޯޓަށް ޖަވާބުދާރީ ވުމަށް މިހާރު ވަނީ ފުރުސަތު ދީފައި ކަމަށެވެ.