ހުޅުމާލެއިން ހައިވޭއަށް އަރަންދާ ސަރަހައްދުގައި ބަހަކާއި ސައިކަލެއް ޖެހި މިރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ބަސް ޑްރައިވަރު ހައްޔަރުކޮށްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ބަހެއްގައި ސައިކަލެއްޖެހި މިރޭ ހިނގި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާއަކީ ސައިކަލުގެ ފަހަތުގައި އިން ކުއްޖާއެވެ. އެ ސައިކަލު ދުއްވަން އިނީ އެކުއްޖާގެ މަންމައެވެ. އެމީހާއަކީ ގދ. މަޑަވެލި، އުމުރުން 51 އަހަރުގެ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނީ، އެކްސިޑެންޓް ވުމުން ބަސް މަޑު ނުކޮށްދިޔަ ކަމަށާއި ބަސް ހުއްޓުވާފައިވަނީ ހައިވޭ ޔޫޓާން ނަގާ ސަރަހައްދުން ކަމަށެވެ.
އެކްސިޑެންޓުވިއިރު ބަސް ދުއްވަން އިނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މިރޭ ހިނގި އެކްސިޑެންޓުގައި މަރުވި ކުއްޖާއަކީ ކ. ތުލުސްދޫ، ބޮނަސޭރާ، ފާތިމަތު އަންޖުމްއެވެ. އެކުއްޖާއަކީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 7ޑީ ގައި ކިޔަވަމުން އަންނަ އެސްކޫލުގެ ގުރުއާން ޕޫލުގައި ވެސް ހިމެނޭ ދަރިވަރެކެވެ. އަދި އެ ކުއްޖާއަކީ ސައިކަލު ދުއްވަން އިން އަންހެން މީހާގެ ހަމައެކަނި އަންހެން ދަރިފުޅެވެ.
އެކްސިޑެންޓުގައި ކުއްޖާގެ މަންމަގެ ހާލު ރަނގަޅު ކަމަށް އޭނާ ފަރުވާއަށް ގެންދިޔަ ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ އިން މައުލޫމާތުދެއެވެ.