ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

ދަރުމަވަންތަ ހޮސްޕިޓަލުގެ %95 މަސައްކަތް ނިމިއްޖެ: މިނިސްޓަރ ނާޒިމް

މުހައްމަދު އައުޒަމް

ރާއްޖޭގެ ސިއްހީ ދާއިރާގައި މިހާތަނަށް ކުރިޔަށް ގެންދާ އެންމެ ބޮޑު މަޝްރޫއު، ދަރުމަވަންތަ ހޮސްޕިޓަލުގެ %95 މަސައްކަތް ނިމިފައިވާ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލެއްވުމަށް މިއަދު ކުރެއްވި ޒިޔާރަތަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް މިނިސްޓަރ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނުނިމި ތިންމަސްދުވަސް ލަސްވެފައިވާ ކަމަށެވެ. މިހާރު މަސައްކަތް ކުރިޔަށް ގެންދަމުންދާ ތާވަލާ އެއްގޮތަށް ދާނަމަ ފެބްރުއަރީ މަހުގެ ތެރޭގައި ހޮސްޕިޓަލު ހުޅުވާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ އެބޭފުޅާގެ ޒައާމަތުގައި ކުރެވުނު މަސައްކަތަކަށް ވާތީ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމިންގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރައްވާ ވަރަށް މުހިއްމު ތަރިކައެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަޅުގަނޑުގެ އުއްމީދަކީ ދަރުމަވަންތަ ހޮސްޕިޓަލް ވީހާވެސް އަވަހަށް ނިމި ހިދުމަތް އަވަސް މުއްދަތެއްގައި ރައްޔިތުންނަށް ލިބުން
މިނިސްޓަރ ނާޒިމް

މިނިސްޓަރ ގެ ޒިޔާރަތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މުހިއްމު ތަންތަނަށް ޒިޔާރަތް ކޮށް މަސައްކަތް ހިނގަމުންދާ ގޮތް ވަނީ ބަލާފައެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ސާމާނު ހަމަކޮށްފައިވާއިރު މިހާރު ކުރިޔަށް ދަނީ ޓެކްނިކަލް އާލާތްތަށް އިންސްޓޯލް ކުރުމުގެ އިތުރުން ހޮސްޕިޓަލުގެ ފައިނަލް މަސައްކަތްތަކެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް މިއަދު ކުރެއްވި ޒިޔާރާތުގައި މިނިސްޓަރ ގެ އަރިހުގައި ހެލްތްމިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން އިމާރާތް ހަދަމުންދާ ކުންފުނީގެ ޓެކްނިކަލް ޓީމުގެ ބޭފުޅުން ބައިވެރިވި އެވެ.