ހުޅުމާލޭގައި ތަރައްގީކުރާ ތެލެސީމިއާ ހޮސްޕިޓަލުން ގުނަވަން ބަދަލުކުރެވޭނެ ކަމަށާއި ލޭގެ ހުރިހާ ބަލިތަކާ ގުޅޭ ހިދުމަތް ވެސް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިމަހުގެ ހަވަނަ ދުވަހު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އެކޮމޮޑޭޝަން ބްލޮކާއެކު އިމާރާތްކުރާ ތެލަސީމިއާ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.
އެ ހޮސްޕިޓަލާ ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ރޭ ވިދާޅުވީ ތެލެސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ހެދުމުގެ މާނައަކީ، އެއީ ހަމައެކަނި އެ ހޮސްޕިޓަލުން ތެލެސީމިއާގެ ފަރުވާ ދޭނެ ވާހަކަ ނޫން ކަމަށާއި އެ ހޮސްޕިޓަލުން އެހެން ފަރުވާތައް ވެސް ދެވޭނެ ކަމަށެވެ.
"އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުތަކާއި ހޮސްޕިޓަލުގެ ކަންތައްތައް މިހާރު ޑިޒައިންކުރެވެމުން އެދަނީ އޯގަން ޓްރާންސްޕްލާންޓް ހެދޭނެ ފެންވަރަށް. އަދި މުޅި ލޭގެ ހުރިހާ ބަލިތަކަކާ ގުޅޭ ރިސާޗް ހެދި، ލޭގެ ހުރިހާ ބަލިތަކަކާ ގުޅޭ ހިދުމަތްތައް އެތަނުގައި ދެވޭނެ. ވަކި ހޮސްޕިޓަލެއް، ވަކި ބައްޔަކަށް ހާއްސަވުމަކީ އެހެނިހެން އާންމު ބަލިތަކުގެ ފަރުވާ އެތަނުން ނުލިބޭނެ ވާހަކައެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެގޮތަށް ވަކި ތަނެއް ވަކި ބައްޔަކަށް ހާއްސަވީމާ އަންނަ އެންމެ މުހިންމު އެއް ސިފައަކީ ސްޕެޝަލައިޒް ޑޮކްޓަރުން އެތަނުގައި ޝައުގުވެރިވެ މަސައްކަތްކުރުން ކަމަށާއި އެތަނުން ބޭނުންވާ ރިސާޗްތައް ހެދޭނެ ކަމަށެވެ. ތެލެސީމިއާ ހޮސްޕިޓަލު ތަރައްގީކުރެވިގެންދާނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭ ފެންވަރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިފަދަ ހޮސްޕިޓަލެއް އައުމާއެކު މުޅި ނިޒާމަށް އެ އަންނަނީ ވަރަށް ހެޔޮ ބަދަލެއް. ހަގީގަތުގައި ތަރައްގީވެފައި ހުރި ސިއްހީ ނިޒާމުތަކަކީ އެ ހޮސްޕިޓަލުތައް އެކި ކަންކަމަށް ސްޕެޝަލައިޒް ވެފައި ހުރުން. އެއީ ދުނިޔޭގެ މި ނިޒާމުގައި ބައްޓަންވެފައި އޮންނަ ގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ، ތެލެސީމިއާ ބަލިމީހުންނަށް މިހާރު ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް ފަހިކުރުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި އެ ވައުދުފުޅާ އެއްގޮތަށް ތެލެސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.
ކޮންމެ އަހަރަކު މަދުވެގެން ދިހަ ކުދީން ބޯންމެރޯއަށް ފޮނުވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން މިދިޔަ އަހަރު 14 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ފޮނުވައިފައެވެ. އޭގެ ތެރެއިން ބައެއް ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓަށްފަހު މިހާރު ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.
ތެލެސީމިއާ ހޮސްޕިޓަލެއްގެ އިތުރުން ކެންސަރަށް ހާއްސަ ހޮސްޕިޓަލަކާއި އިންޑިއާގެ އެހީގައި ލ. ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަދި ހުޅުމާލޭގައި ކުޑަކުދީންނާއި އަންހެނުންނަށް ހާއްސަ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް މިދިޔަ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވިދާޅުވެފައެވެ.