ޚަބަރު

އަތޮޅު ހޮސްޕިޓަލްތަކުގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ފަށަނީ

މުހައްމަދު އިޝާން

3

އަތޮޅު ހުރިޖާ ހޮސްޕިޓަލްތަކުގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ދިނުމުގެ ކަންކަން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، އަތޮޅު ހޮސްޕިޓަލްތަކަށް މިދިޔަ ހޮނިހިރު ފޮނުއްވި ލިޔުމެއްގައި ނާޒިމް ވިދާޅުވީ ނަފްސާނީ މައްސަލަތައް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ކަމަށެވެ. ނަފްސާނީ މައްސަލަތަކުގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންގެ އަދަދާއި ނުކުޅެދުންތެރިކަމާ ކުރިމަތިލާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެފަދަ މައްސަލަތަކަށް ބޭނުންވާ ސިއްހީ ފަރުވާ އަތޮޅު ހޮސްޕިޓަލްތަކުގައި ގާއިމު ކުރެވިފައިނުވުމުން މާލެއަށް އަންނަންޖެހި ވެއިޓިން ލިސްޓު ދިގުވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ތެރަޕީ އާއި ކައުންސެލިން ފަދަ ހިދުމަތްތައް މާލެ ސަރަހައްދަށް އެކަނި ސެންޓްރަލައިޒް ވެފައި ހުރުމާއެކު ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުގެ ވެއިޓްލިސްޓް ދިގުވުމާއި އަތޮޅުތަކުން މާލެ އައިސްގެން މެނުވީ މިފަދަ ހިދުމަތްތައް ލިބެން ނެތުމުން ވަރަށް ގިނަ ގޮންޖެހުންތަކާ އާއްމުން ކުރިމަތިލާން ޖެހިފައިވެއެވެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ވީހާވެސް އަވަހަށް ފަރުވާ ފޯރުކޮށްދިނުމަށްޓަކައި ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ކައުންސެލަރުންނާއި ތެރަޕިސްޓުން އަދި ސޯޝަލް ވޯކަރުންގެ އެހީތެރިކަން ހޯދަން ފަސޭހަ ގޮތެއް ގާއިމްކޮށް، ލެވެލް ދޭއްގެ ހޮސްޕިޓަލްތަކުގައި އެ ހިދުމަތް ފަށަން ނިންމީ ކަމަށެވެ. އަތޮޅު ހޮސްޕިޓަލްތަކުގައި އެ ހިދުމަތްތައް ފެށުމުން އަވަހަށް ފަރުވާގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗު ފިޔަވައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބެން ހުންނަނީ ލެވެލް ތިނެއްގެ ހޮސްޕިޓަލްތައް ކަމަށްވާ ރީޖަނަލް ހޮސްޕިޓަލްތަކުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟