ސިޔާސީ

ރައީސް ކަމަށް އިބޫ ވަަޑައިގަތީ އަހަރު ދުވަހަށްފަހު އިންތިހާބެއް ބާއްވަން، އިސްތިއުފާ ދޭންޖެހޭ: ޖާބިރު

އިބްރާހިމް ޒަކީ

މިއަދަކީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު އެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ދުވަހެއް ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި މުއްދަތު މިއަދަށް ހަމަވެފައިވާ ކަމަށެވެ. އަދި މިއަދަކީ ވެރިކަމަށް ވަޑައިގަންނަވަނީ އަހަރު ދުވަހަށް ކަމަށާއި، އަދުލުވެރި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްފަހު ރައީސް ކަމުން އިސްތުފާ ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ދުވަސް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

"އުފާވެރި ހަބަރަކީ އިބްރާހިމް މުހައްމަދު ސޯލިހު ބުނި މުއްދަތު މިއަދު ހަމަވެއްޖެ، މި ބަޖެޓް ހުށަހެޅޭ ދުވަހަކީ އިބްރާހިމް މުހައްމަދު ސޯލިހު އެއް އަހަރު ދުވަހަށޭ ތިމަންނަ ވެރިކަމަށް އަންނާނީ އަދުލުވެރި، އިންސާފުވެރި، އިންތިހާބެއް ބާއްވާނަމޭ ބުނި ތާރީހު މިއަދަށް ހަމަވީ، އޭނާ އިސްތިއުފާ ދޭން ޖެހޭނެ،" ޖާބިރު ވިދާޅުވިއެވެ.

ނަމަވެސް ރައީސް އިބްރާހިމް ސޯލިހު އެގޮތަށް ވިދާޅުވީ ކޮންތަނެއްގައި ކަމެއްް ޖާބިރު ވިދާޅެއް ނުވެއެވެ. ޖާބިރު ވަނީ ގިނަ ތުހުމަތުތަކެއް ރައީސުލް ޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އަޅުވައިފައެވެ.

"އިސްތިއުފާ ދޭން މި ގޮވަނީ މުއްދަތު ހަމަވެއްޖެ ބުނީ އެއްއަހަރު ދުވަހަށް ފަހު ފައިބާނަމޭ އިންސާފުވެރި އަދުލުވެރި އިންތިހާބެއް ބާއްްވާނަމޭ،" ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އަންނަ ފެބްރުއަރީމަހާ ހަމައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނޯންނާނެކަން ސީދާ އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.