ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ބެލުމަށް ގާޒީންގެ ބެންޗެއް އެކުލަވާލައިފި އެވެ.
މި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން އެކުލަވާލާފައި ވަނީ ފަސް ގާޒީންގެ މައްޗަށް އެކުލެވޭ ބެންޗެކެވެ.
ކްރިމިނަލް ކޯޓާއި މިހާރު ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ މި ނިންމުމަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ގޮތުގެމަތިން ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލަ އެއް ގާޒީޔަކު ބެލުމުގެ ބަދަލުގައި، ގާޒީންގެ ބެންޗަކުން ބަލައިދިނުމަށް މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އެދިފައިވާ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ. އަދި މިހާރުވެސް އެކަން އެގޮތަށް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށް ގާޒީ އަލީ ރަޝީދު މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވެ އެވެ.
ގާޒީ އަލީ ރަޝީދު ވިދާޅުވީ މި ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 58 ވަނަ މާއްދާއިން ލިބޭ އިހުތިޔާރުގެ ދަށުން، މައްސަލައިގެ ޒާތަށާއި، ބާވަތަށާއި، ވަށައިގެންވާ އެންމެހާ ކަންކަމަށް ރިއާޔަތްކޮށް ކަމަށެވެ.
މި މައްސަލަ ބެލުމަށް ގާޒީ އަލީ ރަޝީދު އެކުލަވައިލައްވާފައިވާ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ،
- ގާޒީ އަލީ ރަޝީދު ހުސައިން،
- ގާޒީ އަހުމަދު ޝަކީލް،
- ގާޒީ މުހައްމަދު ސަމީރު،
- ގާޒީ އަލީ އާދަމް އަދި
- ގާޒީ ހުސައިން ފާއިޒް ރަޝާދު އެވެ.