ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުން އަންނަ 2،000 ރުފިޔާގެ ބަދަލު 10،000 ރުފިޔާގެ އެލަވެންސެއް ކަނޑައެޅުމަށް ހުށަހަޅާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
އަަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ މިހާރު ދެމުންދާ އެލަވަންސް އަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި 10،000 ރުފިޔާގެ އެލަވެންސް އެއް ލިބެން ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް މިއަދުވެސް 50 މެސެޖު އައި. 2،000 ރުފިޔާއަކުން ނުވާނެ. ނުކުޅެދުންތެރިކަން ހުރި މައިންބަފައިން އެބަތިބި، 2،000 ރުފިޔާއިން ނުފުދޭނެ ނޫންތޯ ހަތަރު ފަސް ކުދިން ގޮވައިން އުޅޭ ބޭފުޅުން އެބަތިބި،" ފަލާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ލިސްޓު އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ބޯންމެރޯ ހަދާ ކުދިންނާއި ލޭ އަަޅާ ކުދިންނަކީވެސް ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ލިސްޓުގައި ހިމަނަން ޖެހޭ ކުދީން ކަމަށް ފާހަގަކުރެއްވި އެވެ.
ފަލާހް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދެވޭ ފައިސާއަކީ ވަރަށް މަދު އަދަދެއް ކަމަށެވެ. އަދި ހާލެއްގައި ޖެހޭ ދުވަހަކުން އެ ފައިސާގެ އަދަދަކީ ކިހާވަރެއްގެ އެއްޗެއްކަން އެގިގެން ދާނެ ކަމަށް ފާހަގަ ކުރެއްވިއެވެ.