ކޯސްޓްގާޑް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅުނު ބޭރުގެ ދެ ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

މިންހާ ފާއިޒް ރަޝާދު

ރާއްޖޭގެ އިގުތިސޯދީ ކަނޑުގެ ސަރަހައްދަށް މަސްވެރިކަން ކުރާ ވައްތަރުގެ ބޭރުގެ ދެ ބޯޓެއް ވަދެއުޅެނިކޮށް ފެނިގެން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ ހއ. ތުރާކުނު ގެ ހުޅަނގު އުތުރުން 29 ނޯޓިކަލްމޭލު ދުރުން މަސް ވެރިކަން ކުރާ ވައްތަރުގެ ބޭރުގެ ދެ ބޯޓެއް ފެނިގެން ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި އެދެ ބޯޓުވެސް މިވަގުތުވަނީ އުލިގަމު ބޭރުގައި ބަނދަރުކޮށްފައިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ދެ ބޯޓުގައިވެސް ނަގާފައިވަނީ އިންޑިއާގެ ދިދަކަމަށާއި އޭގެތެރެއިން އެއް ބޯޓުގައި ނުވަ މީހުން އަދި އަނެއް ބޯޓުގައި 10 މީހުން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ބޯޓުތަކާ ގުޅޭ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅުގެން އިތުރަށް ބަލަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓު ފަހަރު އަތުލައިގަތުމަކީ އާންމު ކަމެކެވެ.

މިމަހު ތިންވަނަ ދުވަހު މަސްތުވާތަކެއްޗާއެކު އިރާނުގެ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާދަނިކޮށް ފުލުހުންނާ އެމްއެންޑީއެފުންވަނީ އެބޯޓު ހިފަހައްޓާފައެވެ.