ދުނިޔެ

އިންޑިއާގެ ޖުޑިޝަރީ ވަރުގަދަކަމުގައި ވިދާޅުވެ ބޮޑުވަޒީރު މޯދީގެ ތައުރީފު ސުޕްރީމު ކޯޓަށް

އާނިފާ ހުސެއިން ސިރާޖް

އިންޑިއާގެ ސްޕްރީމް ކޯޓަށް ތައުރީފު ކުރައްވައި، އެ ގައުމުގެ ޖުޑިޝަރީ ވަރަށް ވަރުގަދަ ކަމަށާއި ކޮންމެ މައްސަލައެއްވެސް ސުލްހަވެރިކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން ނިންމޭނެ ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ މިފަދައިން ވިދާޅުވީ އެ ގައުމުގެ ސްޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމުގެ ސަބަބުން ބާބްރީ މަސްޖިދް- ރާމް ޖަންމަބޫރީގެ ދުވަސްވީ މައްސަލައަށް ހައްލެއް ލިބިގެން ދިއުމާ ގުޅިގެން ކަމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުންޏެވެ.

އަޔޯދަޔާގެ މި ދިގުދެމިގެން ގޮސްފައިވާ މައްސަލައަކީ ބިމުގެ މިލްކުވެރިކަމާއި ބެހޭ މައްސަލައެކެވެ. މި މައްސަލަ ފެންމަތިވެގެން ގޮސްފައިވަނީ 1992 ވަނަ އަހަރު އެ ސަރަހައްދުގައި ހުރި ބާބްރީ މިސްކިތް ތަޅާލުމާ ގުޅިގެންނެވެ.

މި މައްސަލައިގައި މިއަދު އިންޑިއާގެ ސްޕްރީމުކޯޓުގެ ފަސް މެމްބަރުން ހިމެނޭ މަޖިލީހަކުން ނިންމީ، ބާބްރީ މަސްޖިދް ހިމެނޭ 2.77 އޭކަރުގެ ބިން ފައްޅިއެއް އެޅުމަށް ޓަރަސްޓަކާއި ހަވާލުކޮށް، މިސްކިތެއް އެޅުމަށްޓަކައި އަޔޯދަޔާއިން ފަސް އޭކަރުގެ ބިމެއް "ސުންނީ ވަގުފް ބޯޑް" އާއި ހަވާލުކުރުމަށެވެ.

ބޮޑުވަޒީރު މޯދީ އާއި "އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯޑް" އިންވެސް ވަނީ މިނިންމުން އެންމެހާ ރައްޔިތުން އިހުތިރާމުކުރުމަށް ގޮވާލައްވާފައެވެ.

މި ނިންމުމާ ގުޅިގެން ބޮޑުވަޒީރު މޯދީ ވިދާޅުވީ މިނިންމުން އެއްވެސް ޖަމާއަތަކުން ކާމިޔާބީއެއްގެ ގޮތުގައިވެސް އަދި ނާކާމިޔާބީއެއްގެ ގޮތުގައިވެސް ނުނެގުމަށެވެ. އަދި އިންޑިއާގެ 1.3 ބިލިއަންގެ އާބާދީން މިމައްސަލައިގައި ވަކިގޮތެއް ނިންމުމައި ހަމައަށްވެސް ދަމަހައްޓާފައިވާ އަމަން އަމާންކަމަކީ އިންޑިއާއިން އެއްބައިވަންތަކަމާއި ސުލްހަމަސަލަސް ކަމަށް އިސްކަންދޭކަމުގެ ވަރުގަދަ ހެއްކެއް ކަމުގައި މޯދީ ވިދާޅުވިއެވެ.

އަދި އެމަނިކުފާނުވަނީ އިންޑިއާގެ ސްޕްރީމުކޯޓަށް ތައުރީފުކުރައްވައި މިއީ ކޮންމެ މައްސަލައެއްވެސް ސުލްހަވެރިކަމާއެކު ގާނޫނީ ހަމަަތަކުގެ މަތިން ހައްލުކުރެވޭނެ ކަމާއި އިންޑިއާގެ ޖުޑިޝަރީގެ ވަރުގަދަ ކަމުގެ ހެއްކެއްކަމުގައި ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގުގައި ނިންމުން ނިންމާފައިވަނީ އިންޑިއާގެ ގާނޫނޫ އަސާސީ ގެ ދަށުން އުފެދިފައިވާ މިނިވަން މުއައްސަސާތަކުން ކަމަށެވެ. އިންޑިއާގެ ގާނޫނުއަސާސީގައި ވާގޮތުގެ މަތިން އިންޑިއާގެ ސަރުކާރުން ގައުމުގައި ހިމެނޭ ހުރިހާ ދީނަކާއި ޖަމާއަތެއްގެ މެދުގައި މަސްލަހަތު ގާއިމްކުރުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށްވެސް އެމަބަސީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިގޮތުން އެކި ދީންތަކުގެ އަޅުކަންކުރާ ތަންތަން ހިމާޔަތްކުރުމަށްވެސް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް އެމްބަސީން ބުންޏެވެ.

އެމްބަސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންޑިއާއަކީ ގައުމީ ހުރިހާ މުއައްސަސާއެއްވެސް އެހާމެ ވަރުގަދަ އަދި މިނިވަން ގައުމެއް ކަމަށާއި، އެ ގައުމުގެ ގާނޫނު އަސާސީގެ ދަށުން ހުރިހާ ދީނަކަށްވެސް ހަމަހަމަ ހައްގުތަކެއް ލިބިގެންވާ ކަމަށެވެ.