މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ސާވިސަސް ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެއް ކޮމްޕޮނެންޓްގެ ގޮތުގައި ހިމެނޭ އޮންލައިން އިންފޮމޭޝަން ޕޯޓަލް "ދިރިތި" މިއަދު އިފްތިތާހުކޮށްފިއެވެ.
މިއަދު ސެޓެލްކޯގައި އޮތް ރަސްމިއްޔާތުގައި، އެމްއެފްޑީއޭގެ މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.
މި ޕޯޓަލްއާ ބެހޭގޮތުން މައުލޫމާތުދެމުން އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވީ މި ޕޯޓަލްގައި ކާބޯތަކެއްޗާއި ބޭހާއި ބެހޭ ޖުމުލަ 30 ހިދުމަތެއް ހިމެނިގެންދާނެކަމަށެވެ.
އެގޮތުން ވެބަސައިޓުގައި ހިމެނޭ މައުލޫމާތުތަކުގެ ތެރޭގައި ބޭހާއި ކާބޯތަކެތީގެ މައުލޫމާތު ހިމެނޭކަން ފާހަގަކޮށް ސާޖިދާ ވިދާޅުވީ، ޕޯޓަލްގެ މަގުސަދަކީ ވިޔަފާރިވެރިންނަށް ފަސޭހަކޮށްދީ، މި ތަކެތީގެ މައުލޫމާތު ފަސޭހައިން ރަނގަޅަށް ލިބޭނެގޮތް މަގުފަހިކޮށްދިނުން ކަމަށެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ ޕޯޓަލްގެ މަސައްކަތް މިއީ އަދި ފޭސް އެކެއް ކަމަށާއި މުސްތަގުބަލުގައި "ދިރިތި" ޕޯޓަލް ނެޝަނަލް ސިންގަލް ވިންޑޯއާ ގުޅާލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އެގޮތުން "ދިރިތި" ވެބްސައިޓުގެ އިތުރުން އެޕެއްވެސް ވަނީ ތައާރަފުކޮށްފައެވެ.
މީގެ އިތުރުން މި އޮންލައިން އިންފޮމޭޝަން ސިސްޓަމާ ބެހޭގޮތުން އެމްއެފްޑީއޭ ގެ ފަރާތުން މައުލޫމާތުދެއްވަމުން އެ އޮތޯރިޓީގެ އޮފިޝަލް ޑރ.ޝާހު އަބްދުﷲ މާހިރު ވިދާޅުވީ، އެމްއެފްޑީން ދަނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ނަމަވެސް، އެ މަސައްކަތްތަކުގެ މައުލޫމާތު އެކަށީގެންވާ ގޮތުގައި ޕަބްލިކަށް ނޭނގޭ ކަމަށެވެ.
"ބިޒްނަސް އިންޑަސްޓްރީ ހާއްސަގޮތެއްގައި ބިނާވަނީ އެމްއެފްޑީގެ މަސައްކަތުގެ މައްޗަށް. އެއީ ބޭހާ އެކިއެކި ކާބޯތަކެތި އެތެރެކުރުމާއި މި ހުރިހާ ކަމަކީވެސް ވަރަށްގިނަ ފޯމުތަކަކާއި މައުލުމާތުތަކެއް ލިބިގެން ކުރަންޖެހޭ ކަމެއް. އެހެންވީމާ މި ޕޯޓަލް އައުމުގެ ސަބަބުން އެ މަސައްކަތްތައް ފަސޭހަވެ، އަވަސްވެގެންދާނެ."
އެމްއެފްޑީއޭގެ މަސައްކަތްތައް އެފިޝިއެންޓްކޮށް ގެންދިއުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށް ޝާހު ވިދާޅުވީ "ދިރިތި" މިއީ އޭގެ ތެރޭގައި އެއް ކޮމްޕޮނެންޓް ކަމަށެވެ.
"އޭގެ ތެރެއިން އަޅުގަނޑުމެން ގެންނަން ބޭނުންވަނީ ރައްޔިތުންނަށް ފަސޭހަ، ޓައިމް ސޭވިންގް، އެފިޝިއެންޓް ސާވިސް ތަކެއް. އެއީ ތަރައްގީވަމުން މި އަންނަ ޒަމާނުގައި ގިނަ މަސައްކަތްތައް ދަނީ އިންޓަނެޓްގެ ޒަރިއްޔާއިން ކުރެވެމުން. އެހެންވީމާ ގޭގައި ތިބެގެންވެސް މޯބައިލް ފޯނު ނުވަތަ ކޮމްޕިއުޓަރުގެ ޒަރިއްޔާއިން ވެސް މައުލޫމާތުތައް ލިބުމަކީ މިޒަމާނަށް ބޭނުންވާ ކަމެއް."
މި އޮންލައިން ޕޯޓަލް އަކީ 2015 ވަނަ އަހަރުގެ ކުރީކޮޅު، އެޖެންސީތައް އެއް ވިއުގައަކުން ގުޅާލުމަށް "ނެޝަނަލް ސިންގަލް ވިންޑޯ" ގެ މަސައްކަތުގެ ތެރެއިން ފެށިގެން އައި މަސައްކަތެކެވެ.