ރެސްޓޯރަންޓު ފަދަ ތަންތަނުގެ "މެނޫ" އާއި އާމްދަނީ ހޯދުމަށް ގޭގައި ތައްޔާރުކުރާ ކާބޯތަކެތި އިޝްތިހާރުކުރުމަށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
ކާބޯތަކެތީގެ ބާވަތްތައް އިސްތިހާރު ކުރަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު ކަމަށް ހިމަނައި "ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވާއިދު" އެމްއެފްޑީއޭ އިން މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ.
އެމްއެފްޑީއޭ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގަވާއިދުގެ ދަށުން އެ އޮތޯރިޓީއަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށް ގަވާއިދުގައި ބަޔާންކޮށްފައިވަނީ ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލުކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތަކަށް ކަމަށެވެ.
"ރެސްޓޯރެންޓު ފަދަ ތަންތަނުގައި ބޭނުންކުރާ 'މެނޫ' އަދި ކާބޯތަކެތީގެ ހިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ލިބެން ހުރި ކަމަށްބުނެ އާމްދަނީ ހޯދުމަށް ގޭގައި ތައްޔާރުކުރާ ފަރާތްތަކުން ނުވަތަ މިނޫން ވެސް މިފަދަ އެހެން ފަރާތަކުން ވާޗުއަލް ޕްލެޓްފޯމު ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓުތައް އިޝްތިހާރުގެ ގޮތުގައި ހުއްދަ ނަގާކަށް ނުޖެހެއެވެ..،" އެމްއެފްޑީއޭގެ ބަޔާނުގައި ބުންޏެވެ.
ނަމަވެސް އެގޮތަށް ކޮށްފައިވާ ޕޯސްޓުގައި ހިމެނޭ ކާބޯއެއްޗަކީ ދެވަނައެއް ނެތް ނުވަތަ އެހެން ކާބޯއެއްޗަކާ އަޅައިކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ނުވަތަ އެނޫން ވެސް އެ ކާބޯއެއްޗެއްގެ މަގުބޫލުކަން ދޭހަވާ ފަދަ ކަމެއް ހިމަނާފައިވާ ނަމަ، އެ އޮތޯރިޓީގެ ހުއްދަ ލިބިގެން މެނުވީ ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތި އިޝްތިހާރުކުރުމަށް ބޭނުންވާ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ ދިރިތި ޕޯޓަލް، https://dhirithi.egov.mv/ މެދުވެރިކޮށް ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް 3014361 ނުވަތަ 7603204 އަށް ގުޅުމަށް އެދޭ ކަމަށެވެ.
ގަވާއިދުގައިވާ ގޮތުން އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އެމްއެފްޑީއޭއަށް ހުށަހަޅައި އެ އިދާރާގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ އިޝްތިހާރެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ. ގަވާއިދުގައިވާ ގޮތުން ކާބޯތަކެތީގެ އިޝްތިހާރު ކުރުމުގެ ހުއްދައިގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ. އެ މުއްދަތު ހަމަވުމަށްފަހު އިޝްތިހާރުކުރާ ނަމަ، އެ ހުއްދަ އާ ކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ފާސްކުރި އިޝްތިހާރަށް އިތުރު ބަދަލެއް ގެނެސްފި ނަމަ، ބަލާނީ އާ އިޝްތިހާރެއްގެ ގޮތުގައި ކަމަށާއި އެފަދަ އިޝްތިހާރެއްގެ ހުއްދަ އަލުން ހޯދަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހުއްދަ ހޯދުމަށް އެދި ހުށަހަޅާ އިރު، އިޝްތިހާރުގެ ސްކްރިޕްޓާއި ފޮޓޯ އާއި ވީޑިއޯ އާއި އޯޑިއޯ ހުށަހަޅަންވާނެ ކަމަށާއި ހުއްދަ އާ ކުރަން ހުށަހަޅަންވާނީ އިސްތިހާރުގެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން ކަމަށް ގަވާއިދުގައިވެއެވެ.
"ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވާއިދު" ގައި ވަނީ އިޝްތިހާރުކުރުމާބެހޭ އާންމު ޝަރުތުތައް ވެސް ބަޔާންކޮށްފައެވެ.
ގަވާއިދުގައި ވަނީ އިޝްތިހާރުކުރުމުގައި ކޮށްގެން ނުވާނެ ކަންތައްތަކާއި އިޝްތިހާރުކުރުމުގައި މަނާ ކަންތައްތައް ވެސް ބަޔާންކޮށްފައެވެ.
ގަވާއިދާ ހިލާފަށް ކާބޯތަކެތި އިޝްތިހާރުކުރާ ނަމަ ޖޫރިމަނާގެ ކުރާގެ ގޮތުގެ ތަފުސީލު ވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެ ނަމަ 10،000 ރުފިޔާ، ދެވަނަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެ ނަމަ 100،000 ރުފިޔާ އަދި ތިންވަނަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެ ނަމަ 300،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ތިންވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 500،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.