އިބްރާހިމް ޒަކީ
ބާ ކައުންސިލުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދި ވުމާއި، ވަކީލުންގެ ހުވައި ކުރުމުގެ ކަންތައްތައް ސުޕްރީމް ކޯޓުން މިވަގުތަށް މަޑުޖައްސާލާފައި ވާތީ 150 އެއްހާ ވަކީލުންނަށް ހުވައި ނުކުރެވި އެބަ ތިބިކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޯޓުތަކާބެހޭ ބިލާއި ފަނޑިޔާރުންގެ ގާނޫނާ ބެހޭ ބިލު ޑްރާފްޓް ކުރާ ސަބް ކޮމިޓީގެ ވެސް މެންބަރު އަލީ ހުސެއިން ވިދާޅުވީ، ގާނޫނީ ވަކީލުކަން ކިޔަވައިގެން ތިއްބެވި އެ 150 އެއްހާ ބޭފުޅުން ތިއްބެވީ ފާޑެއްގެ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޯޓުތަކާބެހޭ ބިލުގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބާބެހޭ މައުލޫމާތު އެ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ދެއްވަަމުން ސަބް ކޮމިޓީގެ އެހެން މެންބަރެއް ކަމަށްވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، އެކަމަށްޓަކައި ވަކިން ޑްރާފްޓެއް އެކުލަވާލެވިފައިވާ ކަމަށާއި ދެން އޮތީ އެއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
ނަމަވެސް މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ޑްރާފްޓެއް އެކުލަވާލެވިފައިވީ ނަމަވެސް ސްޓޭކް ހޯލްޑާސް ގިނަަމުން އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.
"ކޮމިޓީން އަމިއްލައަށް ބިލް ޑްރަފްޓު ކުރާއިރު އެކަންކަމުގައި ސަރުކާރުން ބައްދަލު ކުރާ ފަރާތްތަކާ ކޮމިޓީން ވެސް ބައްދަލު ކުރަން ޖެހޭ، ފަނޑިޔާރުންގެ ހުރިހާ ލެވެލްގެ ކޯޓްތަކެއްގެ ފަނޑިޔާރުންނާ ބައްދަލު ކުރަން ޖެހޭނެ، ޕީޖީ އޮފީހާ ވާހަކަ ދައްކަން ޖެހޭނެ، އެޓާނީ ޖެނެރަލްގެ އޮފީހާ ވާހަކަ ދައްކަން ޖެހޭނެ، އަދި މިހާރު ބާ ކައުންސިލެއް އުފެދިފަ އޮތީމާ އެ ކައުންސިލާ މަޝްވަރާ ކުރަން ޖެހޭނެ،" އަލީ ހުސައިން ވިދާޅުވއެވެ.
އަލީ ހުސެއިން ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރަން ކިޔަވައިގެން ތިބި 150 އެއްހާ ވަކީލުންގެ ފަރާތުން މީގެ ހަފުތާއެއްކުރިން ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ޝަކުވާއަކީ ވަކީލު ކަމުގެ ހުވައި ނުކުރެވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ގާނޫނީ ވަކީލުންގެ ހުއްދަ ދިނުމުގެ ޒިންމާ އެ ގާނޫނުން މަތިކޮށްފައިވަނީ، ބާ ކައުންސިލާ އެވެ.