އިބްރާހިމް ޒަކީ
އެޓާނީ ޖެެނެރަލް (އޭޖީ) އުނިކޮށް، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލަވާލުމަށްޓަކައި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ބިލު ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފެވެ.
އެ ބިލުގައި ބުނެފައިވަނީ ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީވެސް ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމެޓީގެ މެންބަރެއްގެ ގޮތުގައި ބަންޑާރަ ނައިބު ހިމެނުމަށް ގާނޫނުގައި އޮތް ގޮތް ބަދަލުކުރުން ކަމަށެވެ.
ބާ ކައުންސްލްގެ އެގްޒެކްޓިވް ކޮމިޓީ އެކުލެވިގެންވާނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސަކާއި މެންބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުމަކީވެސް އެ އިސްލާހު ގެންނަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެ ބިލުގައި އިތުރަށް ބުނީ، ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންޒީފުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހަމަޖައްސައި ފުރިހަމަ މިނިވަން ކަމާއެކު ކަންކަން ހިންގުމުގެ ފުރުސަތު ބާ ކައުންސިލަށް ހޯދައިދިނުންވެސް އެ ބިލު ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީ ކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމާއި ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަ ކުރުންވެސް މި އިސްލާހު ގެނައުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
އަލަށް ބާ ކައުންސިލަށް އިތުރުވާ މަގާމަށް މީހަކު އިންތިހާބު ކުރާނީ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަސް ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެއެވެ.