ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާތީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތަކަށް އެދި ބާ ކައުންސިލުން މަޖިލީހުގައި އެދިއްޖެއެވެ.
ސަރުކާރުގެ ފަރާތުން ވަނީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ ތިން ބިލެއް މަޖިލީހަށް ހުށަހަޅައިފައެވެ. ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ އިސްލާހުތަަކަކީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް އިންތިހާބުވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވެއްޖެނެމަ ނުވަތަ ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން، ގޮނޑި ގެއްލޭގޮތަށް ހުށަހެޅި އިސްލާހެވެ.
ދެވަނަ އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާއަށް އަލަށް ދޭ ބާރެއްގެ ގޮތުގައި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅުމާއި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމުގެ އިތުރުން، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުމުގެ ބާރެވެ.
ތިންވަނަ އިސްލާހަކީ ރާއްޖޭގައި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ އަދި ހަރަކާތްތެރިވެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށް ބަޔާންކޮށް ގާނޫނުއަސާސީ އިސްލާހުކުރުމެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާ އެ ބިލުތަކާ ގުޅިގެން ބާ ކައުންސިލުގެ އާންމު މެންބަރުންނާއި ގާނޫނީ ދާއިރާގެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. ބާ ކައުންސިލުން ބުނީ އެ އިސްލާހުތަކަށް އެ ކައުންސިލުގެ އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާ ހުށަހެޅުމަކީ މުހިންމު ކަމެއްކަމުގައިވާތީ، އެ އިސްލާހުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތަކަށް މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.
"ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި، ހިޔާލު ހޯދުމާއެކު، ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ގެނެވޭ އިސްލާހުތަކެއްކަމުގައި ވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ދެކޭ ހިނދު، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބޭގޮތަށް މި ބިލުގެ ކަންކަން އިންތިޒާމުކޮށްދެއްވުމަށް މި ކައުންސިލުން ގޮވާލަމަވެ..،" ބާ ކައުންސިލުން ބުންޏެވެ.
މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރަން މިއަދު ހަވީރު 5:30 ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޖިލިސް ރައީސް އަބުދުލްރަހީމް އަބްދުﷲ ވަނީ ނިންމަވައިފައެވެ.