މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު އިކޮނޮމިކް އަޕްޑޭޓް ނުވަތަ ގައުމުގެ އިގުތިސާދީ ދުވެލީގެ، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ޖީޑީޕީ ގްރޯތު ރޭޓު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 3.1 އިންސައްތައިގައެވެ. ނަމަވެސް މި އަހަރުގެ ފަހު ކުއާޓަރުގައި އެ އަދަދު ވަނީ މުޅި އަހަރަށް ބަލާއިރު 9.4 އިންސައްތައިން އިތުރުވެފައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްއެމްއޭ އިން ބުނީ ދެވަނަ ކުއާޓަރުގެ ތެރޭގައި އުފެއްދުންތެރިކަން އިތުރުވީ ޓޫރިޒަމްގެ ދާއިރާ ކުރިއެރުމުން ކަމަށެވެ. މީގެ އިތުރުން، ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަންގެ ދާއިރާއަށް އައި ކުރިއެރުމުގެ ސަބަބުން ކަމަށްވެސް އެމްއެމްއޭ އިން މައުލުމާތުދެއެވެ.
ރާއްޖޭގެ ޖީޑީޕީ ދަށްވި ސަބަބެއް ކަމުގައި ބަޔާންކޮށްފައި ވަނީ ކޮންސްޓްރަކްޝަންގެ ދާއިރާ މަޑު ޖެހުމެވެ. ހޯލްސޭލް އަދި ރީޓެއިލްގެ ދާއިރާ ވެސް މަޑުޖެހުމުން އައުމުގެ ސަބަބުން ކަމަށްވެސް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން ސަރުކާރުގެ އާމްދަނީ ވަނީ މިދިއަ އަހަރުގެ އޮގަސްޓް މަހާ އަޅާއި ބަލާއިރު މިއަހަރުގެ އޮގަސްޓް މަހު 200 މިލިއަން ރުފިޔާއިން ދަށްވެފައެވެ. މިއީ މިދޔަ އަހަރުގެ އޮގަސްޓް މަހާ އަޅައި ބަލާއިރު، 13 އިންސައްތައިގެ ދަށްވުމެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން އާމްދަނީގެ އިތުރުން، މިއަހަރުގެ އޮގަސްޓް މަހު ސަރުކާރުގެ ހަރަދުތައްވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާއި ބަލާއިރު މަދުވެފައެވެ. އެގޮތުން ގަވަރމަންޓް އެކްސްޕެންޑިޗާ 157.79 މިލިއަން ރުފިޔާއިން ދަށްވެފައި ވެއެވެ. އެއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 8 އިންސައްތައިގެ ދަށްވުމެއް ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.