އެމްއެންޑީއެފް

ގިރިފުށީގައި ވަޒަން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

ކ. ގިރިފުށީގައި ސިފައިން މިއަދު ހިންގި ތަމްރީނުތަކެއްގައި ޖެހި ބަޑީގެ ވަޒަނެއް ފަތުރުވެރިއެއްގެ ގަޔަށް އެރި ހާދިސާއާ ގުޅިގެން އެ ރަށުގައި ލައިވް ވަޒަން ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ގިރިފުށީގައި ހިންގި ތަމްރީނުތަކުގައި ޖެހި ވަޒަނެއް އަރައި ޒަހަމްވެފައިވަނީ އެ ރަށުގެ ބޭރުގައި އޮތް "އީގަލް ރޭ" ކިޔާ ސަފާރީއެއްގައި ހުރި 41 އަހަރުގެ ޖަރުމަން ފަތުރުވެރިއަކަށެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ އެ ސަފާރީ ދަތުރުކުރަމުންދިޔައީ ލައިވް ވަޒަން ބޭނުންކޮށްގެން ތަމްރީނުތައް ހިންގާ އިރު ބަހައްޓަން ޖެހޭ ސްޓެންޑަޑް ދުރުމިން ބަހައްޓައިގެން ކަމަށާއި އެ ހާދިސާ ހިނގުމާއެކު އަނިޔާވި ފަތުރުވެރިޔާއަށް ފުރަތަމަ އެހީ ފޯރުކޮށްދީ އޭނާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

"އެ ހާދިސާ ހިނގުމާއެކު މި މުއައްސަސާ އިން ވާނީ ވަގުތުން އެ ހާދިސާގެ ތަހުގީގު ފަށައި، ލައިވް ވަޒަން ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާފައި،" އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ އު މުއައްސަސާ އިން ހިންގާ ތަމްރީނުތަކުގައި އެންމެ ބޮޑު އިސްކަމެއްދެނީ އާންމުންނާއި ޓްރެއިނިންގައި ބައިވެރިވާ ސިފައިންގެ ސަލާމަތަށް ކަމަށާއި ވަޒަން ބޭނުންކުރާ އިރު ކަނޑުމަގުން ދަތުރުކުރާ މީހުންނަށް އެކަމުގެ އަސަރުނުކުރާނެ ގޮތަށް ކަންކަން ރޭވުމަށް އެ މުއައްސަސާ އިން ސަމާލުކަން ދޭ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ސިފައިން ވަނީ މައާފަށް އެދި، އެފަދަ ކެމެއް ތަކުރާރު ނުވާނެ ގޮތަކަށް ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ވެސް ބުނެފައެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ގިރިފުށިން ޖެހި ވަޒަން އަރާފައިވަނީ ސަފާރީގެ ޑެގު މަތީގައި ސެލްފީ ނަގަން ތިބި ފަތުރުވެރީންތަކެއް ތެރެއިން އެކަކުގެ ކަރަށެވެ. ޒަހަމަވި ފަތުރުވެރިޔާއާ އެކު، ސަފާރީއަށް އެރި ހަތް މީހުންގެ ތެރޭގައި ދެ ޑޮކްޓަރުން ވެސް ހިމެނެއެވެ. ވަޒަން އެރި ތަނުން އިތުރަށް ލޭ އަޔަ ނުދީ ފުރަތަމަ އެހީ ދިނީ އެ ދެ ޑޮކްޓަރުންނެވެ.