ކުއްލި ޚަބަރު

ކުރީގެ މެމްބަރު އަލްހާނާއި ހައިލަމްއާ ދެމެދު ދެލައްކަ ރުފިޔާގެ މުއާމަލާތެއް ހިންގި މައްސަލައެއް ބަލަނީ

ސަސްޕެންޑު ކޮށްފައިވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ފަރާތުން ފައިސާތަކެއް ލިބުނު މައްސަލަ ތަހުގީގު ކުރަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތައް އާންމު ކުރަމުން ބުނެފައިވަނީ، މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ހައިލަމްއާއެކު އަލްހާން ދެލައްކަ ރުފިޔާގެ މުއާމަލާތެއް ހިންގާފައިވާކަން ފުލުހުންގެ ފަރާތުން އިއްޔެ ކޮމިޝަނަށް ހުށަހެޅި ސިޓީއެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލައަކީ ފަނޑިޔާރަކާ ގުޅިގެން ފާހަގަކޮށްފައިވާ ސީރިއަސް މައްސަލައެއްކަމަށްވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށް ނިންމީ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަހަރުގެ ޖުލައި މަހުގެ 25 ގައި ފުލުހުންގެ ސަމާލު ކަމަށް އެ މައްސަލަ ގެނެސްފައިވީ ނަމަވެސް، އެ މައުލޫމާތު ޖޭއެސްސީއާ ހިއްސާކޮށްފައި ނުވާތީ އާއި އެ މައްސަލައިގާ އެކަށީގެންވާ ފިޔަވަޅު ފުލުހުން އަޅާފައިވާކަމަށް ގަބޫލުނުކުރެވޭތީ، އެކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އަދި ނެޝަނަލް އިންޓިގުރިޓީ ކޮމިޝަންގައި ދެންނެވުމަށް ވެސް މިއަދުގެ ކޮމިޝަންގެ ޖަލްސާގައި ވަނީ ނިންމައިފައެވެ.

ގާޒީ ހައިލަމް އާއި އަލްހާންއާދެމެދު ފައިސާގެ މުއާމަލާތްތަކެއް ހިންގި މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ އަލްހާން، ހައިލަމްގެ އެކައުންޓަށް ދެލައްކަ ރުފިޔާ ކަމާކުރި ކަމަށް އެމްއެމްއޭގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެތުހުމަތާ ގުޅިގެން އަލްހާން ފަހުމީ ވިދާޅުވީ، އެކަމުގެ ހަގީގަތް މީޑިއާއަށް ވަރަށް އަވަހަށް ސާފުކޮށްދެއްވާނެ ކަމަށެވެ. އަދި މީހެއްގެ މައްޗަށް ވަކި ގޮތަކަށް ހުކުމެއް އިއްވަން ސަރުކާރުން ބޭނުންވިޔަސް ބޮޑުވަރު ކަމަށް ވިދާޅުވިއެވެ.