ކުއްލި ޚަބަރު

ގިރިފުށީގައި ހިންގި ތަމްރީނުތަކެއްގައި ބަޑިން ޖެހި ވަޒަނެއް ސަފާރީއެއްގައި ހުރި ފަތުރުވެރިޔެއްގެ ގަޔަށް އަރައިފި

ގިރިފުށީގައި ސިފައިން މިއަދު ހިންގި ތަމްރީނު ތަކެއްގައި ޖެހި ބަޑީގެ ވަޒަނެއް ފަތުރުވެރިޔެއްގެ ގަޔަށް އަރައިފި އެވެ.

އެމްއެންޑީއެފުން ދާދި ދެންމެ ބުނީ، ގިރިފުށީގައި ހިންގި ތަމްރީނުތަކެއްގައި ޖެހި ވަޒަނެއް، އެހެން ތަނެއްގައި ޖެހި ބާރު ކެނޑިގެން ގޮސް ފަތުރުވެރިޔެއްގެ ކަރުގައި "ކޭތިފައިވާ" ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ސީ އެމްބިޔުލެންސްގައި އެމީހާ މާލެއަށް ގެނައުމަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ވަޒަން އެރީ އެ ސަރަހައްދުން ދަތުރުކުރި ފަތުރުވެރިޔެއްގެ ގަޔަށް ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.

ފުލުހުން ދާދި ދެންމެ ބުނީ މިއަދު ހަވީރު 15:28 ހާއިރު، ހިންމަފުށީ ކައިރީގައި އޮތް ސަފާރީއެއްގައި ހުރި ފަތުރުވެރިޔެއްގެ ކަރަށް ވަޒަނެއް އަރައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ވަޒަން އަރާފައި ވަނީ އީގަލް ރޭ ނަމަކަށް ކިޔާ ސަފާރީއެއްގައި ހުރި ޖަރުމަނު ފަތުރުވެރިޔެއްގެ ކަރަށެވެ. އެ މީހާ ގަޔަށް ވަޒަން އެރީ ސަފާރީއަށް އެރިތާ ގަޑިއެއްހާ އިރު ވެސް ނުވަނީސް ކަމަށް އެނގިފައިވެ އެވެ.