ގައިންގަޔަށް އަރާ ޒާތުގެ ޖަރާސީމަކުން ތަޣައްޔަރުވެފައިވާ "ހިމްބީގަންޒް" މަރުކާގެ ގަނޑުކުރި ރާސްބެރީ ރާއްޖެއަށް އެތެރެވެފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށް، މޯލްޑިވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ “ނޯރޯވައިރަސް” ޖަރާސީމުން ތަޣައްޔަރު ވެފައިވާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީ ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (އާރުއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނީ އެފަރާތަށް ލިބުނު އެލާޓާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދައި، އެފަދަ އުފެއްދުންތައް އަނބުރާ ބާޒާރުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް ލިބުނު މައުލުމާތުން މި އުފެއްދުން ޑިސްޓްރިބިއުޓް ވެފައިވަނީ ހަމައެކަނި ރިސޯޓުތަކަށް ކަމުގައިވެސް އެމްއެފްޑީއޭ އިން މައުލޫމާތުދެއެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތި އެތެރެކުރާ، ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކުން ފުރިހަމަ މައުލޫމާތު ނެތް، ރައްކާތެރިކަން ކަށަވަރުނުވާ ގަނޑުކުރި ރާސްބެރީ އެތެރެނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން އިލްތިމާސް ކުރެއެވެ.
މީގެ އިތުރުން، ރާއްޖެއަށް އެތެރެކުރާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީއަށް ވަކި ހާއްސަ ސަމާލުކަމެއްދީގެން ބޯޑާގައިވެސް ބަލައި ފާސްކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭ އިން މައުލޫމާތުދެއެވެ.