ސިޔާސީ

އަމިއްލަ އެދުމަށް އަޅުގަނޑު މަސައްކަތްކުރާނަމަ މިގޮތަށް ނޫޅެ ހިހޫތަނުން ކާލައިގެން ހުރީމަ މާ ރަނގަޅުވާނެ: ގާސިމު

ޝަހީދާ އަބްދުﷲ ސައީދު

1

އަމިއްލަ އެދުމަށް މަސައްކަތް ކުރާނަމަ ހިހޫތަނުން ކާލައިގެން ހުރުމުން މާ ރަނގަޅުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބުރާހީމު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމު ވިދާޅުވީ، އޭނާއަކީ އަމިއްލަ އެއްވެސް އެދުމެއް އޮވެގެން މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

މާލީ ގޮތުން ގާސިމު އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެނީ އަމިއްލަ އެދުމެއް އޮވެގެން ކަމަށް ބައެއް ފަރާތްތަކުން ދެކޭކަން ފާހަގަކުރައްވައި ގާސިމު ވިދާޅުވީ މިހާތަނަށް އެތައް ހާސް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

''އަމިއްލަ ޖީބަށް އެއްޗިހި ވައްދަން އަޅުގަނޑު މަސައްކަތްކުރާނަމަ އަޅުގަނޑު މިގޮތަކަށް ނޫން މަސައްކަތް ކުރާނީކީ. އަޅުގަނޑު އެކަމާ ނުބެހޭނަން، އަޅުގަނޑު ހުންނާނީ. ހުރެފައި އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބޭފުޅުން ކަންތައްތައް ކުރައްވާހެން އިސްކޮށްތިބޭ ބާރުހުރި މީހުންނަށް އެތިކޮޅުކޮޅު ޖަހާލައިގެން އަޅުގަނޑުވެސް ހިހޫތަނުން ފެންބޮއިގެންނޭ ބުނާހެން ހުންނާނީ.'' ގާސިމު ވިދާޅުވިއެވެ.

ގާސިމު ވިދާޅުވި ގޮތުގައި ހިހޫތަނުން ކައިގެން އޭނާ ހުރިނަމަ މިއަދުވެސް ރާއްޖެ އޮންނާނީ ހަމަ ކުރީގައިވެސް އޮތް ގޮތަށެވެ. ރާއްޖެއަށް ޑިމޮކްރަސީއާއި އަމާންކަމާއި ތައުލީމާއި ތަރައްގީއާއި ކުރިއެރުން ހޯދައިދިނުމަށް ނުކުރައްވާ މަސައްކަތެއް ނޯންނާނެ ކަމަށް ގާސިމު ވިދާޅުވިއެވެ.

އަމިއްލަ ކަމެއްގައި އެއްވެސް މީހެއްގެ ގާތުގައި ކަމަކަށް އެދިވަޑައިގެންފައި ނުވާނެ ކަމަށް ގާސިމު ވިދާޅުވިއެވެ. އެގޮތުން ރިޔާސީ އިންތިހާބުގައިވެސް މަޖިލީހުގެ އިންތިހާބުގައިވެސް އެހީތެރިކަން ފޯރުކޮށްދިން މީހެއްގެ ގާތުގައި ވޯޓު ދިނުމަށް އެދިވަޑައިނުގަންނަވާ ކަމަށް ގާސިމު ވިދާޅުވިއެވެ. ގާސިމު ވިދާޅުވި ގޮތުގައި އެހެން މީހުންގެ ކަންކަމުގައި އޭނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިން މީހުންގެ ގާތުގައި ސަލާމް ޖަހާފައިވެސް ހުންނާނެއެވެ.

''މިގާސިމްގެ އެހީގައި 7000 މީހުންނަށް މަތީތައުލީމު ދީފައި ވާނެ. ކިތައް ލައްކަ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްތޯ އަޅުގަނޑު މެދުވެރިއަކަށްވީ. އެއީ މާތްﷲ ހަވާލުކުރެއްވި އަމާނާތެއްގެ ގޮތުގައި އަޅުގަނޑު އެކަން ކުރަނީ. އެހީއެއް ވެދީފައި އޮތީތީ އޭގެ ބަދަލުގައި އަޅުގަނޑަށް ވޯޓު ދޭށޭ އެއްވެސް މީހަކު ކައިރީގައި ބުނެފައެއް ނޯންނާނެ. ނަމަވެސް އެހެން ބޭފުޅުންނަށް ވެރިކަން ހޯދައިދޭން މީހުން ކައިރީ އާދޭސްކޮށް ސަލާމް ޖަހާފައި ހުންނާނެ.'' ގާސިމު ވިދާޅުވިއެވެ.

ކޮންމެ ސަރުކާރެއް ވެސް އަންނަނީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާ އެކު ކަން ފާހަގަ ކުރައްވައި، ގާސިމް ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު އޭނާއަށް އެތައް އުނދަގޫތަކެއް ކޮންމެ ސަރުކާރަކުން ވެސް ކުރިމަތިކުރި ކަމަށެވެ. އޭނާ ކުރައްވަމުން ގެންދަވަނީ ގައުމުގެ ހައްގުގައި ކުރައްވާ މަސައްކަތެއް ކަމަށާއި އެކަމަކު ކުރީގެ ކޮންމެ ސަރުކާރަކު ވެސް ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަނުން ބޭރުކޮށްލީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެނެއް ނޫން ކޯލިޝަން ސަރުކާރެއް އުފެދިގެން އައީމަ ސަރުކާރާ ދިމާކުރަނީ. އެކަމަކު އެ އުފެދޭ ސަރުކާރަކުން އަޅުގަނޑުމެންނާ ދޭތެރޭ ކަންތައް ކުރާގޮތުން އެ ބޭފުޅުން އަމިއްލައަށް ކަންތައް ކުރަމުން ކުރަމުން ގޮސް އެންމެ ފަހުން ކެތް ނުވެގެން ބޭރުކޮށްލަނީ. އެ ބޭފުޅުންގެ ގައުމީ މަޖިލީހުން ނިންމާފައި ނުވަތަ ކައުންސިލުން ނިންމާފައި ބޭރުކޮށްލީ. ބޭރުކޮށްލާފައި އަދި ނިންމާލަނީއެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން މީހުން ވެސް ގެންގޮސް ޖަލަށް ވެސް އަޅަނީ. ކޮން ސަރުކާރަކަށްތޯ އަޅުގަނޑާ ނުލައި ވެރިކަމަށް އާދެވުނީ.؟" ގާސިމް ސުވާލުކުރެއްވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟